ބޭރު ދުނިޔެ

ކޮވިޑް19: މަރުވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން

ދެން އެމްވީ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން ގިނައިން މަރުވަނީ ފިރިހެނުންކަމުގައި ރިޕޯޓުތައް ބުނެފިއެވެ. މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 272,042 ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ 11,299 އަށް އަރާފައެވެ. އެންމެ ގިނައިން މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ.

އިޓަލީއިން ޖުމްލަ 47021 މީހުން ވައިރަސް ގެ ޖެހިފައިވާއިރު އެގައުމުގެ ކަމާބެހޭ އިދާރާއަކުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހުނު މީހުންގެ 60 އިންސައްތައަކީ ފިރިހެނުންނެވެ. އަދި ބަލި ޖެހިގެން އިޓަލީއިން މަރުވި 4032 މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ވެސް ފިރިހެނުންނެވެ.

އެއާއި ހިލާފަށް 8 ވަނައަށް އެންމެ ގިނައިން ވައިރަސް ފެތުރުނު ގައުމުކަމަށްވާ ސައުތުކޮރެއާ ގައި ބަލި ޖެހުނު މީހުންގެ 61 އިންސައްތައަކީ އަންހެނުންނެވެ. ސައުތުކޮރެއާގައި 8652 މީހަކަށް ވައިރަސް ޖެހިފައިވާއިރު 94 މީހެއްވަނީ މަރުވެފައެވެ. މަރުވި މީހުންގެ 54 އިންސައްތައަކީ ފިރިހެނުންނެވެ.

ނަމަވެސް އެއްވެސް ދިރާސާއަކުން މިކަން ކަށަވަރުވެފައެއް ނުވެއެވެ. ބައެއް މާހިރުން ބުނާ ގޮތުގައި މިއީ އިއްތިފާގަަކަށްވުން ވެސް އެކަށީގެންވެއެެވެ.

ވައިރަހުގެ ހާލަތު ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑުވަމުން އަންނައިރު ސައިންޓިސްޓުން ދަނީ ވައިރަހުގެ އަސަރު ބޮޑަށް ކުރާ މީހުންނާއި ކަންތައްތައް ދެނެގަތުމަށްޓަކައި ގިނަ ދިރާސާތަކެއް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!