ދުނިޔެ

ކޮވިޑް19: އިރާން ގައި ކޮންމެ 10 މިނެޓަކުން އެކަކު މަރުވޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ޖެހިގެން އިރާނުގައި ކޮންމެ 10 މިނެޓަކުން މީހެއް މަރުވާ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ އިދާރާއިން ބުނެފިއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގަދައަށް ވައިރަސް ފެތުރެމުންދާ ގައުމަކީ އިރާނެވެ.

Ads by Sosun Fihaara

އިރާނުން މިހާތަނަށް ޖުމްލަ 19،644 މީހުނަށް ވައިރަސް ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވާއިރު އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުގައި އިރާނުގައި ކޮންމެ ގަޑިއިރަކު 50 މީހުން ވައިރަަހަށް ޕޮސިޓިވްވެއެވެ. އަދި ޕޮސިޓިވް ވާ މީހުންގެ ތެރެއިން ކޮންމެ 10 މިނަޓަކުން މީހަކު މަރުވާ ކަމަށް ވެސް އެޓްވީޓުގައި ބުނެފައިވެއެވެ. މިއީ މިހާ ބޮޑަށް އެ ގައުމުގައި ވައިރަސް
ފެތުރޭ ކަމަށް އެގައުމުގެ ސަރުކާރުން އެއްބަސްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެެވެ.

އިރާނުގެ ރައީސް ގެ އިތުރު އޮފިޝަލެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ހަގީގަތުގައި އެއަށް ވުރެ ގިނަ ވުން އެކަށީގެން ވެެއެވެ. އޭނާ ބުނި ގޮތުގައި ބައެއް މީހުން މަރުވާއިރު މަރުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ކަން ވެސް ގިނަ ފަހަރު ދެނެނުގަނެވޭކަމަށެވެ.

އިރާނުގެ ސަރުކާރާއި އިިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުން ކޮރޯނާ ވައިރަހުގެ މައުލޫމާތު ސިއްރު ކުރަމުންދާ ކަމުގެ ތުހުމަތުކޮށްފައެވެ. އަދި މަރުވި މީހުންގެ އަދަދު 7000 އަރާފާނެ ކަމުގައިވެސް އެފަރާތްތަކުން ބުނެއެވެ.

އިރާނު ސަރުކާރުން ގެންދަނީ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށް ހުރިހާ ކުޅިވަރު ކުޅޭ ތަންތަނާއި މީހުން އެއްވާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ދީނީ އެއްވުންތަށް ބޭއްވުމަށް ވެސް އިރާނުގެ ސަރުކާރުންވަނީ ހުރަސްއަޅާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!