އިޒްރޭލް ޕާސްޕޯޓު މަނާކުރަން އިދިކޮޅުން ހުށަހެޅި ބިލަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާނެ
އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލެޖިސްލެޓިވް އެޖެންޑާގެ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ސަރުކާރުން ވެސް ވިސްނާފައި އޮތީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ކަމަށެވެ.
މަޖިލީހުގެ ގަވާއިދާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ އެއް މައުޟޫއަކަށް އަދި އެއް މަގުސަދަކަށް އެއް ގާނޫނަކަށް އިސްލާހު އެއް ފަހަރަކާ ނުގެނެވޭތީ މިހާރު އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލާ އެކު ކުރިއަށް ދާން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ބިލު މިހާރު އޮތީ ވަރަށް އާންމު ހަމައެއްގައި ކަމަށް ވުމުން ބިލަށް އިސްލާހުތަކެއް ސަރުކާރުން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހުށަހަޅާ އިސްލާހުތަކާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި އެ ކަމަށް ވަރަށް ފުންކޮށް ވިސްނާން ޖެހޭ ކަންކަން ވެސް އޭގައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
"އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑް ކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަ ތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" އުޝާމް ވިދާޅުވި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ސަރުކާރުގެ ކެބިނެޓުން ނިންމީ ޖޫން ދެވަނަ ދުވަހުގަ އެވެ.
އޭގެ އެގާރަ ދުވަސް ފަހުން ބޭއްވި މި ޕްރެސްގައި ސަރުކާރުގެ ނިންމުމުގައި އޮތީ އިޒްރޭލު ވަކި ލެވެލަކުން މަތީގެ އޮފިޝަލުން ނުވަދެވޭ ގޮތަށްތޯ ނޫސްވެރިން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ ވަކިވަކި މީހުން އެތެރެވުން ހުއްޓުވަން ފިޔަވަޅު އަޅަން ކެބިނެޓުން އެ ދުވަހު ނުނިންމާ ކަމަށެވެ.
ސަރުކާރުގެ ނިންމުމަކީ އިޒްރޭލުގެ ޕާސްޕޯޓުގައި މީހުން ރާއްޖެ އެތެރެވުން ހުއްޓުވަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.