ޚަބަރު

ކުރީގެ މެންބަރުންގެ އިނާޔަތް މުރާޖާކުރުމުގެ ބިލާއެކު ސަރުކާރު އެޖެންޑާގައި 213 ބިލެއް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެޓާނީ ޖެނެރަލް އުޝާމް - ފޮޓޯ: އޭޖީ އޮފީސް

ރާއްޖޭގެ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ އިނާޔަތް މުރާޖާކުރުމުގެ ބިލުތައް ހިމެނޭ ގޮތަށް ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް ހިމަނައިފި އެވެ.

Ads by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ލެޖިސްލެޓިވް އެޖެންޑާ އިއުލާން ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އޭގެ ތެރޭގައި މުޅިން އާ 78 ބިލަކާއި މިހާރު ގާނޫނުތަކަށް އިސްލާހު ގެންނަ 135 ބިލު ހިމެނޭ ކަމަށެވެ.

އިސްލާހު ގެންނަ ބިލުތަކުގެ ތެރޭގައި ގާނޫނު އަސާސީއަށް ތައާރަޒުވާތީ އުވާލަން ޖެހޭ ބައެއް ގާނޫނުތައް ނުވަތަ ގާނޫނުގެ ބައެއް އުވާލަން ޖެހޭތީ ހުށަހަޅާ ބިލުތައް އެބަ ހުއްޓެވެ. އުޝާމް ފާހަގަ ކުރެއްވި ގޮތުގައި 26 އެއްހާ ގާނޫނު އޭގެ ތެރޭގައި ހިމެނެ އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ލެޖިސްލެޓިވް އެޖެންޑާ ފާސްކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ވެސް އެ އެޖެންޑާ މުރާޖައާ ކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

އެޖެންޑާގައި ފާހަގަކޮށްލެވޭ ބިލުތަކުގެ ތެރޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދެވޭ އިނާޔަތް މުރާޖައާ ކުރާ ގޮތަށް މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.

ރިޔާސީ އިންތިހާބު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވޭ ގޮތަށް އެ އިންތިހާބުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް ވެސް ފާހަގަކޮށްލެވެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ވެސް ހިމަނާފައިވާއިރު އޭގައި ޖުމުލަ ގޮތެއްގައި ހިމެނޭނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ސިޔާސީ ނުފޫޒު ނުވަންނަ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލު ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!