ހަށިގަނޑުގެ ތެރެއިން ޑްރަގު ފެނުނު ގާނާ މީހަކު ބަންދުކޮށްފި

ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ފެނުނު ކަމުގެ ތުހުމަތުގައި އެފުރިކާގެ ގާނާ މީހަކު ބަންދުކޮށްފި އެވެ.
ރާއްޖޭގެ ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އެއީ 56 އަހަރުގެ ފިރިހެނެކެވެ.
އެ މީހާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅުމާއި އެ ތަކެތިން ވިޔަފާރި ކުރުމުގެ ތުހުމަތެވެ.
"މީނާގެ ހަށިގަނޑުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަން މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެ އެވެ." ކޯޓު އަމުރުގައި ލިޔެފައިވެ އެވެ.
ކޯޓުގައި ދައުލަތުގެ ވަކީލަކު ހަމަޖައްސަން އެ މީހާ އެދޭތީ އެ ކަން ހަމަޖައްސައިދިނުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.