އައްޑޫ ކޮމްޕްލެކްސްގެ އޮޕަރޭޝަން ފަށަން މަސްވެރިން އެއްބާރުލުން ދޭން ފުލުހުން އަންގައިފި
މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަނަށް ހުރަސް އެޅޭ ގޮތް ވެފައި ވުމުން އެ މާހައުލު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކަމަށް މަސްވެރިން އެއްބާރުލުން ދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ސުލްހަވެރިކަމާއެކު ގެންދިއުމުގެ ފުރުސަތު އަދި އެ ކަމަށް ދޭން ޖެހޭ އެއްބާރުލުން އެ ހިދުމަތުގެ ފަރާތުން ދެމުން ގެންދާނެ ކަމަށެވެ.
ނަމަވެސް ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވާތީ އަލުން އޮޕަރޭޝަންތައް ފެށޭނެ ގޮތަކަށް މާހައުލު އުފެއްދުމަށް ވެސް އެ ހިދުމަތުން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ކަމަށް މަސްވެރިން އެއްބާރު ލުން ދިނުމަށް ފުލުހުން އެދޭ ކަމަށް އެ ބަޔާނުގައި އަންގާފައިވެ އެވެ.
"އިހުތިޖާޖު ކުރުމުގައާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އަދި އެހެންވެސް ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން، މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފުލުހުންގެ ފަރާތުން ސެކުއިރިޓީ ލައިން ގާއިމުކޮށް މަސްވެރިންނަށް ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިފްކޯއަށް މަސްވެރިން ކިރާ މިހަށް ފައިސާ ނުދައްކާތާ ދޮޅު މަހެއްހާ ދުވަސް ވެސް ވަނީ ވެފަ އެވެ
އިއްޔެ ހަވީރުން ފެށިގެން އައްޑޫގެ މިފްކޯ ބަނދަރުގައި ކުރަމުންދާ މުޒާހަރާގައި މަސްވެރިން ގޮވާލަމުންދަނީ އެ މީހުން ބާނާ މަހަށް ހަމަ އަގުދިނުމަށާއި މިހާތަނަށް މިފްކޯއިން ކިރި މަހަށް ފައިސާ ދެއްކުމަށެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑީއާތަކަށް ފޮނުވި މެސެއްގައި ބުނީ، 80 މަސްވެރިން ބައިވެރިވާ ކަމަށެވެ. އަދި އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މިފްކޯ ފެކްޓަރީގެ ހުރިހާ ސީނިއާ ސްޓާފުން ބޭރުކޮށްލާނެ ކަމަށާއި ބަދިގޭގައި ކައްކަން ހުރަސްއަޅާނެ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.