މާލީ ހާލަތު ދެނެގަތުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު
ގައުމުގެ މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ މަސައްކަތް އާ މަޖިލީހަކުން ފަށައިގަންނައިރު، ގައުމުގެ ހާލަތު ދެނެގަތުން މުހިއްމުކަމަށް ފެންނާތީ ވަޒީރު ހާޒިރުކުރުމަށް ކޮމިޓީން ނިންމީ މި މަހުގެ ކުރީކޮޅު އެވެ.
މިއަދަށް އެ ބައްދަލުވުން ތާވަލުކުރި ނަމަވެސް، ވަޒީރު އާލާސްކަންފުޅާ އުޅުއްވާތީ އޭނާއަށް އެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވުނެވެ. އެހެންނަމަވެސް މާލީ ހާލަތާ ގުޅޭ މައުލޫމާތު ކޮމިޓީއަށް ފޮނުއްވާފައިވާކަން ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފާހަގަކުރެއްވި އެވެ.
"ފިނޭންސް މިނިސްޓަރު މިއަދު އާލާކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ވަޑައިގެންނެވެން ނެތުނީމަ އަޅުގަނޑުމެން އޭރުގެ އެޖެންޑާ ބަދަލުކޮށްލަން ޖެހުނީ. އެހެންނަމަވެސް މިނިސްޓްރީ އޮފް ފިނޭންސުން ފޮނުވާފައިވާ ބައެއް މައުލޫމާތު އެބަހުރި." ގާސިމް ވިދާޅުވި އެވެ.
އެއާކު ވަޒީރު ހާޒިރުކުރުމަށް ހުށަހެޅުއްވި ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ދެން އެ ބައްދަލުވުން ބޭއްވޭނީ ބުދަ ދުވަހު ކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވާފަ އެވެ. އޭނާ ދެން ހުށަހެޅުއްވީ ވަޒީރުގެ އިތުރުން އޮޑިޓާ ޖެނެރަލްއާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ވެސް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.
"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތު ފުރިހަމަވާނީ އޮޑިޓާ ޖެނެރަލްއާއި މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުވެސް ހަމަ އަޅުގަނޑުމެންނަށް އެވިޑެންސް ދެއްވައިގެން. އެހެންމަ ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން އަޅުގަނޑު " ނާޒިމް ހުށަހެޅުއްވި އެވެ.
ކޮމިޓީން ނިންމީ ފިނޭންސް އިން ފޮނުވާފައިވާ މައުލޫމާތުތަކާ ގުޅިގެން މަޝްވަރާ ކުރުމަށް މިއަދުގެ ބައްދަލުވުން ސިއްރުކުރުމަށެވެ.