ޚަބަރު

ޕީއެންސީ ލީޑާޝިޕްގައި ވެރިކަމުގެ އެދުމާއި ކޯޅުން އަދިވެސް ބޮޑު: ޔާމީން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ލީޑާޝިޕްގެ ތެރޭގައި ވެރިކަމުގެ އެދުވެރިކަން އޮތް ބޭފުޅުން އަދިވެސް ވަރަށް ގިނަ ކަމަށް ކުރިން އެ އިއްތިހާދުގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޔާމީންގެ މިހާރުގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ބަންދު ވުމުން ރިޔާސީ އިންތިހާބުގައި ޕީއެންސީ ބައިވެރިނުކުރަން ބޭނުންވި ކަމަށް ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ.

"އަޅުގަނޑު ކައިރީގައި ލީޑާޝިޕް އެއްސެވި، އަޅުގަނޑަށް ކުރިމަތި ނުލެވޭތީ، އަޅުގަނޑު ނިންމާށޭ ކެންޑިޑޭޓެއް، އަޅުގަނޑު ދެންނެވިން އަޅުގަނޑު ނުނިންމާނަމޭ، ފުރަތަަމަ ޕީޕީއެމުން ނިންމާށޭ ދެން ކަން ކުރަންވީ ގޮތެއް، ޕީޕީއެމަށް ފުރުސަތު ގެއްލޭ ނަމަ ބެކްއަޕަކަށް ޕީއެންސީން ނެރޭށޭ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރަން ފެށި ހިސާބުން ވެސް ޕީއެންސީ/ޕީޕީއެމްގެ ލީޑާޝިޕްގައި ވެރިކަމުގެ ޝައުގު އޮތް ވަރަށް ގިނަ ބޭފުޅުން ތިއްބެވި ކަމަށެވެ. އެ އަދަދު ފަހަކަށް އަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެންމެ އިސް ގޮނޑިއަށް ވަޑައިގަންނަވަން ހަތަރު-ފަސް ބޭފުޅުންގެ ޝައުގު އޮތް، އަދިވެސް އެއީ ހުރިހާ ކަމެއް ހެޔޮވެގެން ފާރު ރަނގަޅުކޮށްގެން ތިބި ބައެއް ނޫނޭ، އަދިވެސް އެ މީހުންގެ ކޯޅުން އެ ގޮތުގައި އެބަ އޮތޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނުގެ އަނިބކަނބަލުންނާއި މުޅި އާއިލާ ބައިވެރިވި ކަން ވެސް ޔާމީން ހަނދުމަފުޅު ކޮށްދެއްވި ކަމަށެވެ.

ރައީސް މުއިއްޒުގެ ރަނިން މޭޓަކަށް، މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވަން ލަފާ އެރުވީ ވެސް ޔާމީން ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ. މުއިއްޒު ނިންމެވި ރަނިން މޭޓަށް މާ ގިނަ ވޯޓު އިތުރަށް ނުހޯއްދެވޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!