ޗައިނާގެ އީވީތަކުން އިމްޕޯޓް ޓެރިފް ނަގަން ކެނެޑާއިން ވިސްނަނީ
ކެނެޑާގެ ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވީ ޗައިނާއިން އުފައްދާ އިލެކްޓްރިކް އުޅަނދުތަކުން އިމްޕޯޓް ޓެރިފް ނެގުމާ މެދު ކެނެޑާއިން ވިސްނަމުންދާ ކަމަށާއި އެ ވިސްނުމާ މެދު އާންމުންގެ ހިޔާލު ހޯދާނެ ކަމަށެވެ.
ފްރީލޭންޑް ވިދާޅުވީ އެތެރޭގެ އޮޓޯ ސެކްޓާއަށް ޗައިނާގެ "އޯވަ ކެޕޭސިޓީގެ ސްޓޭޓް ޑައިރެކްޓް ޕޮލިސީ" ގެ ގޮތުގައި ސިފަކުރާ ގޮތާ ބޭއިންސާފު ވާދަވެރިކަމެއް ކުރިމަތިވެފައިވާ ކަމަށާއި ކެނެޑާއިން އެކަމަށް އިޖާބަ ދޭނެ ގޮތަކާ މެދު އޮޓާވާއިން 30 ދުވަހުގެ ޕަބްލިކް ކޮންސަލްޓޭޝަން ޕީރިއަޑެއް ޖުލައި މަހުގެ 2 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވައި އޮންޓަރިއޯގެ ވޮންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފްރީލޭންޑް ވިދާޅުވީ ޗައިނާގެ ޕްރޮޑިއުސަރުން ވަރަށް ވިސްނުންތެރިކަމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އީވީ އުފައްދާ ފަރާތްތަކަށް ބުރޫއަރާ ގޮތަށް އޯވަސަޕްލައިއެއް އުފައްދަމުން އަންނަ ކަމަށެވެ.
ފްރީލޭންޑް ވިދާޅުވީ ޕަބްލިކް ކޮންސަލްޓޭޝަންގެ ސަބަބުން ސަރުކާރުގެ ޕޮލިސީ ރެސްޕޮންސް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ ކަމަށާއި އޭގެ ތެރޭގައި އިމްޕޯޓްތަކުން ނަގާ ޓެރިފް ވެސް ހިމެނޭނެ ކަމަށާއި މިކަމުގެ ސަބަބުން ވޮޝިންޓަނާއި ބްރަސެލްސްގެ ބައިވެރިންނާ އޮޓާވާ ގުޅިދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ މަހު ވަނީ އިލެކްޓްރިކް އުޅަނދުތައް ހިމެނޭ ގޮތަށް ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރުމުގެ ބަނޑެއް އިފްތިތާހުކޮށްފަ އެވެ. 27 ގައުމުގެ ވިޔަފާރީގެ ސިޔާސަތު ބަލަހައްޓާ ޔޫރަޕިއަން ކޮމިޝަނުން ދަނީ ޗައިނާގެ އުފެއްދުންތެރިން ކަމަށްވާ ބީވައިޑީ، ޖީލީ އަދި އެސްއޭއައިސީގެ އިތުރުން ޗައިނާއިން އުފައްދާ ޓެސްލާ އަދި ބީއެމްޑަބްލިއު ކާރުތަކުން 38.1 ޕަސެންޓާ ހަމައަށް އިތުރު ޑިއުޓީއެއް ނަގަން ވިސްނަމުންނެވެ.
ބޭއިންސާފުން ސަބްސިޑީ ދޭ ކަމަށް ނުވަތަ އޯވަކެޕޭސިޓީގެ މައްސަލައެއް އޮތް ކަމަށް ކުރާ ތުހުމަތުތައް ޗައިނާއިން ދޮގުކޮށް، އެ ގައުމުގެ އީވީ އިންޑަސްޓްރީގެ ކުރިއެރުމަކީ ޓެކްނޮލޮޖީ، މާކެޓް އަދި އިންޑަސްޓްރީގެ ސަޕްލައި ޗެއިންތަކަށް ލިބުނު ފައިދާތަކުގެ ނަތީޖާ ކަމަށް ބުނެފައިވެ އެވެ.
ފްރީލޭންޑް ހޯމަ ދުވަހު ކުރި އިއުލާނުގެ ކުރިން ޗައިނާގެ ދައުލަތުގެ ތާއީދު އޮންނަ ގްލޯބަލް ޓައިމްސް ނޫހުގައި ޝާއިއުކުރި ޚިޔާލު ލިޔުމެއްގައި ވަނީ "ކެނެޑާ ސްޓްރެޓެޖިކް ގޮތުން ވިސްނުންތެރިކަމާއެކު ދެމިތިބުމަށް" ވަކާލާތުކޮށް، "ވޮޝިންޓަންގެ ސްޓްރެޓެޖިކް އަމިއްލަ އެދުމަށްޓަކައި ޗައިނާއާއެކު އާދައިގެ އިގްތިސާދީ މުއާމަލާތްތައް ގުރުބާން ނުކުރުމަށް" ވަކާލާތުކޮށްފަ އެވެ.