ޚަބަރު ރައްޔިތުންގެ މަޖިލިސް

ޑްރަގް އެތެރެކުރާ މީހުން ދެނެގަނެވިއްޖެ، އަތުނުލެވިގެން އުޅެނީ ގާނޫނު އޮތް ގޮތުން: ވަޒީރު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ނެޓްވޯކުތައް ދެނެގަނެވިފައިވާ ކަމަށާއި އެކަމާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނެސްގެން އެ މީހުން އަތުލައިގަނެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވަޒީރު ވަނީ މިދިޔަ ނޮވެމްބަރުގައި މިިނިސްޓްރީއާއި ހަވާލުވިފަހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި މަދުކުރުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 150 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް ދެނެގަނެ، މެޕްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ގާނޫނުތަކަށް ބަދަލުގެނެސްގެން އެ މީހުން އަތުލައިގަނެވޭނެ ކަމަށް ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ. އަދި އެ އިސްލާހުތައް އަންނަ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ﷲގެ އިރާދަފުޅާ އެކު އަޅުގަނޑުމެން ވަރަށް ތަފްސީލުކޮށްވާނެ ރާއްޖެއަށް ޑްރަގްސް އެތެރެވާ މަގުތަކާއި އެތެރެކުރާ މީހުންނާއި އެތެރެކުރަން ޒިންމާވާ މީހުންނާއި އެމީހުންގެ ފައިނޭންޝަލް އެނާލިސިސްތައް މިހާރު ހަދާނިމިފައި." ވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި. އެ ރެކޮމެންޑޭޝަންސްތައް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަސް ދުވަސް ތެރޭގައި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑުމެން ހިއްސާކުރާނަން. އެ ބަދަލުތައް އައުމާއެކު ރާއްޖޭގެ ޑްރަގް އެތެރެކުރަމުންމިދާ ނެޓްވޯކުތައް އަޅުގަނޑުމެންނަށް އަތުލައިގަނެވޭނެ."

ކަސްޓަމްސް އިން މިދިޔަ އޭޕްރީލްގައި އާއްމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ 1 ޖަނަވަރީން 31 މާޗްގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 13.92 ކިލޯގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ 6.5 ސިންތެޓިކް ކެތިނޮންސް, 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް އަދި 350 ގްރާމްގެ އެމްފެޓަމިން އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!