މެނިންޖައިޓިސް: މަދު ގަޑިއިރެއްގެ ތެރޭގައި މަރުގެ ތުންފަތް މައްޗަށް
- މަދު ގަޑިއިރެއްގެ ތެރޭގައި މަރުގެ ތުންފަތް މައްޗަށް
- އަވަސް ފަރުވާ ވަރަށް މުހިންމު
- ބަލީގެ ނުރައްކާ ބޮޑީ ވަކި ބަޔަކަށް
ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލި ރާއްޖެއިން މިވަނީ ފެނިފަ އެވެ. މި ބަލި ޖެހިފައިވަނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ރަސްމީ އިދާރާއަކުން މައުލޫމާތު ކަށަވަރު ކޮށްދީފައި ނުވިނަމަވެސް "ދެން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބަލީގައި ނިޔާވީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އާރިފް (ބަކާ) އެވެ.
މެނިންގޮކޯކޮލް އަކީ ކޮން އެއްޗެއް؟
މެނިންގޮކޯކޮލް އަކީ ނައިސެރިއާ މެނިންޖައިޓިޑިސް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ.
ބަލީގެ ވައްތަރުތައް
މެނިންޖަކޮކަލް އިންފެކެޝަންގެ އެންމެ އާންމު ދެ ވައްތަރަކީ މެނިންޖައިޓިސް އާއި ހަމަ މި ބެކްޓީރިއާއިން ލޭގެ ތެރޭގައި އުފައްދާ އިންފެކްޝަނެކެވެ.
މެނިންޖަކޮކަލް މެނިންޖައިޓިސް ޖެހުމުން މި ބެކްޓީރިއާ ސިކުނޑިއާއި ބުރަކަށީގެ ސްޕައިނަލް ކޯޑަށް އަސަރުކޮށް ދުޅަވެ އެވެ.
މެނިންޖޮކޯކޮލް ބްލަޑްސްޓްރީމް އިންފެކްޝަން ޖެހުމުން މި ބެކްޓީރިއާ ލޭގެ ތެރެއަށް ވަދެ ލޭހޮޅިތަކުގެ ފާރުތަކަށް ގެއްލުން ދެއެވެ. މީގެ ސަބަބުން ހަންގަނޑާއި ގުނަވަންތަކުން ލޭ އައުމަށް މެދުވެރިވެ އެވެ.
ބަލީގެ އަލާމާތްތައް
މެނިންޖޮކޯކަލް މެނިންޖައިޓިސް އާއި ލޭގެ ތެރޭގައި ޖެހޭ އިންފެންޝަންގެ އަލާމާތްތައް ތަފާތެވެ. އެހެންނަމަވެސް މި ދެބައްޔަކީވެސް ސީރިއަސް ދެ ބަލި ކަމުން އަލާމާތްތައް ދެނެގަތުން ވަރަށް މުހިންމެވެ.
މެނިންޖައިޓިސްގެ އާންމު އަލާމާތްތައް
- ހުން އައުން
- ބޮލުގައި ރިއްސުން
- ކަނދުރާ ހަރުކަށިވުން
އިތުރު އަލާމާތްތައް
- ނަފްސާނީ ހާލަތަށް ބަދަލު އައުން (އޮޅުންބޮޅުންވުން)
- ބޯ އެނބުުރުން
- ގަދަ އަލި ފެނުމުން ލޮލަށް އުނދަގޫވުން
- ހޮޑުލެވުން
ކުޑަކުދިންނަށް ފެންނަ އަލާމާތްތައް
- ކުއްޖާ މަޑުމޮޅިވުން
- ރުޅި ގަދަވުން
- ކާހިތް ނުވުން
- ބޮލުގެ ނާށިގަނޑުގެ މަޑު ހިސާބު ބޮޑުވެފައި ހުރުން
- އާދަޔާ ހިލާފަށް އަމަލުތައް ހުރުން
- ހޮޑުލުން
ބްލަޑް ސްޓްރީމް އިންފެކްޝަންގެ އަލާމާތްތައް
- އަތް ފައި ފިނިވުން
- ބޭރަށް ހިންގުމާއި ބޯ އެނބުރުން (ބައެއް މީހުންނަށް ހޮޑުލެވުން)
- އަބަދު ވަރުބަލިވެފައި ހުރުން
- ހުން އައުމާއި ހީކެރުވުން
- ނޭވާ ކުރުވުން
- ހުޅު ހުޅުގައާއި މޭގައި އަދި މަސްތަކުގައި ރިއްސުން
- ބަލީގެ ފަހުކޮޅުގައި ދަނބު ކުލައިން ހަނގަޑުގައި ކުރަކި ލުން
ނުރައްކާ ބޮޑީ ކޮން ބަޔަކަށް؟
މެނިންޖޮކޯކޮލްގެ ނުރައްކާ ވަކި ބަޔަކަށް ބޮޑެވެ. އެގޮތުން މިހާތަނަށް ނުރައްކާ ގުޅިފައިވާ ކަންކަން ހިމަނައިލާނަމެވެ.
- އުމުރުން ދުވަސްވުން (65 އަހަރުން މަތީގެ މީހުންނަށް ނުރައްކާ ބޮޑު)
- އުމުރުން 1 އަހަރު ނުވާ ތުއްތު ކުދިން
- އުމުރުން 16 އަހަރާއި 23 އަހަރާއި ދެމެދުގެ ކުދިން
- އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން
- ދާއިމީ ބޭހެއް ކާން ޖެހޭ މީހުން
- ބަލި ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުން
މީގެ އިތުރުން މި ބަލި ޖެހުމުން ހާލަތު އިތުރަށް ސީރިއަސްވެދާނެ ހާލަތްތަކެއްވެސް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
- އެއްވެސް ޑެފިޝެންސީއެއް ނުވަތަ ސިއްހީ ކޮމްޕްލިކޭޝަންއެއް ހުންނަ މީހުން
- އެޗްއައިވީ ވައިރަސް ހުރި މީހުން
- އެއްވެސް ގުނަވަނެއް ރަނގަޅަށް މަސައްކަތް ނުކުރާ މީހުން
މީގެ އިތުރުން އެއްވެސް ގުނަވަނެއް ހަށިގަނޑުން ނަގާފައިވާ މީހުންނާއި ލޭގެ ބައްޔެއް ނުވަތަ އިންފެކްޝަނެއް ހުންނަ މީހުންނަށްވެސް ބަލީގެ ނުރައްކާ ބޮޑެވެ.
ބެކްޓީރިއާ ހުންނަ ކޮންމެ މީހަކަށް ބަލި ނުޖެހިދާނެ
މެނިންޖައިޓިޑިސް އަކީ ނޭފަތުގެ ފަހަތާއި ކަރުތެރޭގައި ދިރިއުޅެވޭ ބެކްޓީރިއާ އެކެވެ. ގާތްގަނޑަކަށް ކޮންމެ 10 މީހުންގެ ތެރެއިން އެކެއްގެ ކަރުތެރޭގައި މި ބެކްޓީރިއާ ހުރެދާނެ އެވެ. އެހެންނަމަވެސް މިއިން ކޮންމެ މީހަކަށް މެނިންޖައިޓިސް ނުޖެހިދާނެ އެވެ. އިންފެކްޝަން އުފެދެނީ މި ބެކްޓީރިއާ ހަށިގަނޑުގެ އެތެރެއަށް ގޮސް އެހެން ގުނަވަންތަކަށް ވާސިލުވުމުންނެވެ.
ގައިން ގަޔަށް އެރުން
މި ބަލި ޖެހިފައި ހުރި މީހެއްގެ ގައިން އެހެން މީހަކަށް ބަލި ޖެހެނީ ނޭވާލާ ނިޒާމާއި ކަރުތެރެއިން ނިކުންނަ ކުޅު ނުވަތަ ތެތް ކެއްސުމުގެ ސަބަބުންނެވެ. އާންމުކޮށް މި ބަލި ގައިން ގަޔަށް އަރަން ވަރަށް ގާތުން ނުވަތަ ދިގު މުއްދަތަކަށް ކޮންޓެކްޓް ވާން ޖެހެ އެވެ.
މިސާލަކަށް ބޮސް ދިނުމުން ނުވަތަ ވަރަށް ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރުމެވެ. އެހެން ބައެއް އާންމު ބެކްޓީރިއާ ފެތުރޭހާ ފަސޭހައިން ނޭވާލާ ނިޒާމުން މި ބެކްޓީރިއާ ނުފެތުރޭނެ އެވެ.
ބަލިން ރައްކާތެރިވުން
މި ބައްޔަށް ވަނީ ވެކްސިނެއް އުފައްދައިފަ އެވެ. ބަލި ވަރަށް ބޮޑަށް ތަނެއްގައި އާންމު ވާނަމަ ފުރާވަރު ކުދިންނަށާއި ފުރާވަރަށް އަރާ ކުދިންނަށް ވެކްސިން ދޭން ސިއްހީ މާހިރުން އިލްތިމާސް ކުރެ އެވެ. އަދި އެއް އަހަރު ނުފުރޭ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށްވެސް ވެކްސިން ދިނުން މުހިންމެވެ.
ބައްޔަށް އެންޓިބައޮޓިކް އެއްވެސް ވަނީ އުފައްދައިފަ އެވެ. މިބަލި ޖެހިފައިވާ މީހަކާއި ކައިރީގައި މާ ގިނަ ވަގުތު ހޭދަކުރި މީހެއްނަމަ އެންޓިބައޮޓިކް ދިނުން މުހިންމެވެ.
މި ބަލި އެއްފަހަރު ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެންނަމަވެސް ދިފާއީ ނިޒާމު ބަލިކަށި މީހަކަށް ބަލި ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ޓެސްޓު ކުރުމާއި ދެނެގަތުން
މެނިންގޮކޯކޮލް ބަލި ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެދާޏެ އެވެ. ސަބަބަކީ މިބަލީގެ އަލާމާތްތައް އެހެންވެސް އާންމު ބަލިތަކާއި އެއްގޮތް ވުމުންނެވެ.
ބައްޔަށް ޓެސްޓު ކުރަން ސްޕައިނަލް ކޯޑުގެ ކައިރީގައި ހުންނަ ދިޔަ ނަގައިގެން އެތަކެތި ޓެސްޓު ކުރެއެވެ. ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ އެ ފްލުއިޑް ބޭނުންކޮށްގެން ލެބޯޓްރީގައި އެ ގްރޯ ކުރެ އެވެ. މީގެ ސަބަބުން ދޭންޖެހޭ އެންޓިބައޮޓިކް ދެނެގަންނަން ފަސޭހަވެ އެވެ.
ބައެއް އެހެން ޓެސްޓުތައް ކޮށްގެންވެސް މި ބަލި މިހާރު ދެނެގަނެވެ އެވެ.
ފަރުވާ ދިނުމާއި ރަނގަޅުވުން
ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މެނިންގޮކޯކޮލް ބައްޔަށް ފަރުވާ ދެނީ އެންޓިބައޮޓިކް އިންނެވެ. ބަލިމީހަކަށް ވަގުތުން އެންޓިބައޮޓިކް ދެނީ ސިއްހީ ހިދުމަތްދޭ މީހަކަށް މެނިންގޮކޯކޮލް ބަލި ދެނެގަނެވިއްޖެ ނަމަ ނުވަތަ ޝައްކުވާ ނަމަ އެވެ.
އިންފެކްޝަންގެ ސީރިއަސް މިންވަރަށް ބަލާއިރު މެނިންޖޮކޯކޮލް ބަލި ހުންނަ މީހުންނަށް އެހެން ފަރުވާވެސް ބޭނުންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- ނޭވާލާން ސަޕޯޓު ބޭނުންވުން
- ލޭގެ ޕްރެޝަރު ދަށްވާތީ ފަރުވާދޭން ބޭނުންކުރާ ބޭސް ދިނުން
- މަރުވެފައިވާ ޓިޝޫތައް ނައްތައިލަން އޮޕަރޭޝަން ކުރަން ޖެހުން
- ހަލާކުވަމުންދާ ހަންގަނޑުތައް ނައްތައިލުމާއި ޒަހަމްތަކަށް ފަރުވާ ދިނުން