ޚަބަރު

ނުރައްކާތެރި ހާދިސާތައް ނުހިނގާނެ ގޮތަށް ރަށްރަށުގެ މަގުބައްތިތައް ފެނަކައިން ހަދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ފެނަކަ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްރަށުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމުގެ ގޮތުން އެ ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓްކޮށް، ނުރައްކާތެރި ހާދިސާއެއް ނުހިނގާނެ ގޮތަށް މަގު ބައްތިތައް ހެދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

Ads by MWSC

ރ. އުނގޫފާރުގައި ވާރޭ ވެހެމުން ދަނިކޮށް މަގުމަތީގައި ކުޅެން ތިބި ދެ ކުއްޖަކަށާއި ޒުވާނަކު، މަގުމަތީ ހުރި މަގު ބައްތިއެއްގެ ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހިގެން ހާލު ދެރަވުމުގެ ހާދިސާއެއް ހިނގީ މިދިޔަ މެއި މަހު ފަހުކޮޅެވެ. ދެ ކުދިން ސަލާމަތް ކުރަން އެ ތަނަށް ދިޔަ ޒުވާނާ ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވީ ޖޫން މަހު އަށް ވަނަ ދުވަހު އެވެ.

ފެނަކައިން މިއަދު ބުނީ އެ ކުންފުނިން ހިންގި އިންސްޕެކްޝަނުން ގިނަ ރަށްރަށުގައި ހަރު ކުރެވިފައި ހުރި މަގު ބައްތިތަކުން ކަރަންޓު ދީފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށް ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުނ ނުރައްކާތެރި ހާދިސާ ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޖޫން ނުވަ ވަނަ ދުވަހު އެ ރަށްރަށުގެ ކައުންސިލްތަކަށް، މީގެ ފަހުން ކަރަންޓު ދޫކުރެވޭނީ އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާ އެއް ގޮތަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ  ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ ކަމަށް ފެނަކައިން ބުންޏެވެ.

ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް ފުރަތަމަ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހަރުކޮށް ނިންމުމަށް ފެނަކައިން އެންގި ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މި މަސައްކަތުގެ މުހިންމު ކަމުން އިތުރު އެއް މަސް ދުވަހަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެ ކަމަށާއި ނުވަތަ ފެނަކައިން ތަކެތި ފޯރުކޮށް ބިލް ކުރެވޭ ގޮތަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާ އެކު ސަބް ޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮއްދެވިދާނެ ކަމަށް ވެސް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!