ބަކާއާ އެއްތާވި މީހުން ހޯދައި އެޗްޕީއޭން ބޭސް ދީފި

އެ ބަލީގައި ނިޔާވީ މަޝްހޫރު ފުޓުބޯޅަ ޝަހުސިއްޔަތު އަހުމަދު އާރިފް (ބަކާ) އެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައިތަނާހެން ގަދަ ހުމެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބަކާ އެޑްމިޓްކުރި އެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ.
އެޗްޕީއޭން ބުނީ އެ ބަލި ރާއްޖޭން ފެނުމުން، އޭނާއާ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރި ވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދޭން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެއްތާވި މީހުންގެ ގޮތުގައި ދެކޭނީ ބަލިމީހާއާއި އެއް ގެއެއްގައި ދިރިއުޅޭ މީހުނާއި ބަލިމީހާއާއެކު އެއް އުޅަނދެއްގައި ކައިރީގައި ވަރަށް ގިނަ އިރު ވަން ދެން ދަތުރުކުރި މީހުނާއި، ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔާ އެއްޗަކަށް ހުށަހެޅޭ މީހުންނެވެ.
އެޗްޕީއޭން ބުނީ ބަލިމީހާާއާ އެކު އެއް ފެން ފުޅިން ބޮއެ ނުވަތަ އެއް ސަމުސަލަކުން ކައި އުޅުނު މީހުނާއި ބަލިމީހާއާ އެއްތަންވި މީހުނާ ދިމާވި މީހުން، ގާތުން އެއްތަންވި މީހުންގެ ގޮތުގައި ނުބަލާނެ ކަމަށެވެ.
ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.
އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. އެކަމަކު ދާދި ފަހުން ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް މާލޭގައި ކުރިއަށް ދިޔަ ސެވަން އަ ސައިޑް މުބާރާތެއްގައި އޭނާ ކުޅުނެވެ.
ރާއްޖެއަށް ފުޓުބޯޅަ ތާރީހުގައި ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީ ކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރި ގައުމީ ޓީމުގެ ސްކޮޑުގައި ބަކާ ހިމެނެ އެވެ.