ހައްޖަށް ދިޔަ މީހަކު ބަލީގެ އަލާމާތް ހުރެއްޖެނަމަ ޑޮކްޓަރަށް އަވަހަށް ދެއްކުމަށް އިލްތިމާސްކޮށްފި
މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން ނުޖަހާ މީހަކު ހުރެއްޖެނަމަ އަދި އެ މީހަކަށް ބަލީގެ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރަށް ވީހާ ވެސް އަވަހަކަށް ދެއްކުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީން ބުނީ އެއްވެސް ސަބަބަކާ ހުރެ ވެކްސިން ނުޖެހުނު މީހުންގެ ިތުރުނ ވެކްސިން ޖެހުމަށް ފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މީހަކު ވެސް ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ.
މެނިންކޮކޯލް/މެނިންޖައިޓިސް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ؛
- ބޮލުގައި ރިއްސުން
- ކަނދުރާ ވާން ވުން
- މޭ ނުބައިކޮށް ހޮޑުލެވުން
- ވާނުވާ ނޭނގޭ ގޮތް ވުން
- ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން
- ފިޓު ޖެހުން
- އަލި ގަދަވުމުން އުނދަގޫ ވުން
- ވަރު ދެރަ ވުން
- ނޭވާ އަވަސް ވުން
ހައްޖަށް ދިޔަ މީހުންގެ ތެރެއިން، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ޝަހުސިއްޔަތު އަހުމަދު އާރިފް (ބަކާ) މިއަދުގެ ވަގުތެއްގައި ނިޔާވީ އެ ބަލީގަ އެވެ. ބަކާއާ ގާތުން އެއްތާވި މީހުން ހޯދައި ބަލީގެ ބޭސް ފޯރުކޮށްދީފައިވާ ކަމަށް އެޗްޕީއޭން މިއަދު ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށް ދިޔަ އެންމެން ވެސް ޕޯލިއޯ, މެނެންޖައިޓިސް އަދި އިންފްއެންޒާ ވެކްސިން ޖަހާފައިވާ ކަމަށެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައިތަނާހެން ގަދަ ހުމެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބަކާ އެޑްމިޓް ކުރި އެވެ. އޭނާ ނިޔާވަން ދެން ފަރުވާ ދެމުން ދިޔައީ ހާލު ދެރަވެގެން، ވެންޓިލޭޓަރުގަ އެވެ.
ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.
އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. އެކަމަކު ދާދި ފަހުން ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް މާލޭގައި ކުރިއަށް ދިޔަ ސެވަން އަ ސައިޑް މުބާރާތެއްގައި އޭނާ ކުޅުނެވެ.
ރާއްޖެއަށް ފުޓުބޯޅަ ތާރީހުގައި ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީ ކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރި ގައުމީ ޓީމުގެ ސްކޮޑުގައި ބަކާ ހިމެނެ އެވެ.