ޚަބަރު

އިންޑިއާ އައުޓް ޓީޝާޓު ލީ ރައީސް ޔާމީނަށް ކިޔަމަންވާން: މެންބަރު ހުސައިން ޝަރީފް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މެންބަރު ހުސައިން ޝަރީފް ޕީއެންސީގެ ޕޯޑިއަމުގައި

އިންޑިއާ އައުޓް ޓީޝާޓު ލައިގެން އިހުތިޖާޖަށް ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑަރަކަށް ހުންނެވުމުން ސިޔާސީ އިއްތިހާދުގެ ލީޑަރަށް ކިޔަމަން ވާން ކަމަށާއި އެ ކަމަށް ހިތް ރުހިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ކުރިން އެމްޑީޕީއާއި ޑިމޮކްރެޓްސް ހަރުގެ ހިންގި ތަނުގައި ހުޅުވި، މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ޝަރީފް ވިދާޅުވީ އެމްޑީޕީން ގައުމަށް ގެންނަމުން އައި ގެއްލުމުން އަރައިގަނެވޭނީ ޕީއެންސީގެ ވެރިކަމެއް ގެނައުމުން ކަމަށް ދެކެމުން އައި ކަމަށެވެ.

ޕީއެންސީ/ޕީޕީއެމް އިއްތިހާދުގައި ހިމެނެނީ އަބަދުވެސް މަސްލަހަތު ދަމަހައްޓައި ލީޑަރަކަށް ހުންނެވި ބޭފުޅާއަށް ކިޔަމަންތެރި އާންމު މެންބަރުން ކަމަށް މެންބަރު ހުސައިން ޝަރީފް މިރޭ ވިދާޅުވި އެވެ.

އޭނާ ސިޔާސީ މަސައްކަތަށް 2020 ވަނަ އަހަރު ނުކުންނެވީ އިންޑިއާ އަސްކަރިއްޔާ އޮތުމާ އޭނާ ދެކޮޅު ވުމުން އެ ވަކާލާތު އޮތް ސިޔާސީ އިއްތިހާދާ އެކުގައި މަސައްކަތް ކުރެއްވުމަށެވެ. ދުނިޔޭގެ ގަދަ ބާރުތަކުގެ ތެރޭގައި ރާއްޖެ ތާށިވާނެ ގޮތަކަށް އޭރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތެއް ގެންގުޅޭތީ ކަމަށެވެ.

"މި ޕާޓީގެ ހައްގުގައި، ގައުމުގެ ހައްގުގައި ކުރަން ޖެހުނު ކިތަންމެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ވެސް ކުރެއްވި، އަޅުގަނޑުމެންގެ ސްލޯގަނަކަށް އޭރުވީ އިންޑިއާ މިލިޓަރީ އައުޓު، އެ ސްލޯގަނަށް މި ގައުމުގެ އިހުތިރާމު ލިބެމުން އައި،" މެންބަރު ހުސައިން ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުގައި "އިންޑިއާ އައުޓް" ސްލޯގަން ބޭނުން ކުރަން ޖެހުމުން އޭގެ ހިތްހަމަޖެހުމެއް ޕާޓީގެ އިސް ސަފުގެ ބޭފުޅުންގެ މެދުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަސްލަހަތަށް ޓަކައި ލީޑަރަށް ކިޔަމަންތެރިވުމަށް ޓަކައި މަސައްކަތް ކުރަން އެ ސްލޯގަން ބޭނުން ކުރަން ފެށީ ކަމަށެވެ.

"ބޮޑު ދައުލަތެއް އެ ކަމާ ދެކޮޅު ވާނެ ކަން އެނގި އޮއްވައި، އެހެން ގައުމެއްގެ ރުޅިވެރިވެރިކަން އަމާޒުވާނެ ކަމެއް ކަން އެނގި ހުރެ ވެސް، އަޅުގަނޑުމެން އެ ލީޑަރެއްގެ ފަހަތުގައި ހުންނަން، ކިޔަމަންތެރިވާން، ނުރުހި ތިބެ ވެސް، ރައީސް މުއިއްޒު ވެސް އެ ސްލޯގަނާ އެކީ މި މަގުމަތީ ތިބީ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިއްތިހާދު ބައިވެރިނުވެވޭނެ ގޮތަށް ރައީސް ޔާމީން ހުންނަވައިގެން މަސައްކަތް ކުރައްވަން ފެއްޓުވުމުން ލީޑަރު ދޫކޮށްލަން ޖެހުނީ ކަމަށެވެ. ނަމަވެސް އޭރު އެ އިއްތިހާދު ހިންގަވަން ހުންނެވި، މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި މަސައްކަތަށް މެންބަރު ހުސައިން ޝަރީފް ތައުރީފް ކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!