އާސަންދައާއި ސަބްސިޑީ ހައްގުވެރިންނަށް ދެވޭ ގޮތަށް މި ސަރުކާރުން ބަދަލު ގެންނާނެ: ޝުޖާއު
އާސަންދައާއި ސަބްސިޑީގެ ނަހަމަ ބޭނުން ކުރަމުންދާ ކަމަށާއި އެ އިނާޔަތްތައް ހައްގުވެރިންނަށް ލިބޭނެ ގޮތަށް ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އާ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރީގެ ސަރުކާރުން ޓެކްސް ބޮޑު ކުރި ނަމަވެސް ދައުލަތުގެ ހަރަދު ކުރިއަށް ވުރެ ބޮޑު ކުރުމުން ދައުލަތުގެ މާލީ ހާލަތަށް އެއްވެސް ރަނގަޅު ބަދަލެއް އައިސްފައި ނެތް ކަމަށެވެ.
މި ސަރުކާރަށް "ވާރުތަވި ދަރަނި" ދެއްކުމާއި ފައިސާ ޗާޕުނުކޮށް ދައުލަތް ހިންގުމުގެ ސިޔާސަތުގެ ދަށުން ހިންގަން ދަތިތަކެއް ހުރި ނަމަވެސް އޭގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދައުލަތުން ކުރާ "ބޭކާރު ހަރަދު" ނައްތާލުން ކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.
"އާސަންދަގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައި އެބަ އޮތް، ބޭރުގެ ބައެއް ހޮސްޕިޓަލުތަކުގައި ޑީލުތަކެއް ހަދައި މާ އަގު ބޮޑުކޮށް ހިދުމަތްތަކަށް ފައިސާ ދީފައި ހުރި ވާހަކަ އެންމެނަށް ވެސް އެނގޭ، މި ބޭކަރު ހޭދަތައް ކަނޑާލަން އެބަ ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.
ގައުމުގެ ހައްގުގައި އަދި އަންނަން އޮތް ޖީލަށް ޓަކައި މި ވަގުތު ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ދައުލަތުން ކުރާ ބޭކާރު ހަރަދު ކުރަމުން އަންނަ އައުން ހުއްޓައިލުން ކަމަށް މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލްކުރައްވާ މެންބަރު ޝުޖާއު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެ މަގަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީން ކަން ޝުޖާއު ދެއްވި އެވެ.
"ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެމަނިކުފާނު (ރައީސް މުއިއްޒު) ކުރައްވާ މަސައްކަތް، އެއީ ބޭކަރު ހަރަދު ކުޑަކޮށްފައި، ހައްގުވެރި ފަރާތްތަކަށް ސަބްސިޑިއާއި އާސަންދަ ވެސް ދެވޭނެ މެކޭނިޒަމަކަށް ދިވެހި ދައުލަތް ގެންދިއުމުގެ މަސައްކަތް،" ޝުޖާއު ވިދާޅުވި އެވެ.