ދުނިޔެ

ކޮރަޕްޝަންގެ ތުހުމަތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ކުރީގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ވެއި ފެންގޭ މަގާމުން ވަކިކުރީ "ޑިސިޕްލިންއާ ވަރަށް ބޮޑަށް ހިލާފުވެފައިވާ" ކަމަށް ބުނެ އެވެ.

Ads by Sosun Fihaara

ރިޝްވަތުގެ ގޮތުގައި އަދި އެހެން މީހުންނަށް ރިޝްވަތު ދިނުމުގެ ގޮތުން ލީ އަށް "ގިނަ އަދަދެއްގެ ފައިސާ" ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ "ސިޔާސީ މަސްއޫލިއްޔަތު އަދާނުކުރާ" ކަމަށާއި "އަމިއްލަ ނަފްސާއި އެހެން މީހުންނަށް މުވައްޒަފުންގެ އިނާޔަތްތައް ހޯއްދެވި" ކަމަށް ތަހުގީގު ކުރަން އަމުރުކުރި ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީއާ ހަވާލާދީ ރިޕޯޓުގައި ވެ އެވެ.

"ޕާޓީ އާއި އަސްކަރިއްޔާގެ ސީނިއާ ލީޑިން ކޭޑަރެއްގެ ހައިސިއްޔަތުން ލީ ޝަންގްފޫ އޭނާގެ އަސްލު މިޝަނަށް ޚިޔާނާތްތެރިވި... ޕާޓީގެ ސެންޓްރަލް ކޮމިޓީ އާއި ސެންޓްރަލް މިލިޓަރީ ކޮމިޝަނުގެ އިތުބާރު ގެއްލުވާލީ... އަދި ޕާޓީގެ ބޭނުމަށާއި ގައުމީ ދިފާއުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު،" ރިޕޯޓުގައި ވެ އެވެ.

ރޮއިޓާސް އިން މިދިޔަ އަހަރު އެކްސްކްލޫސިވްކޮށް ރިޕޯޓްކުރި ގޮތުގައި ލީގެ މައްޗަށް ތަހުގީގު ކުރަމުން ދަނީ އަސްކަރީ ޕްރޮކިއުމަންޓުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން އޭނާ ސިއްރު ސިއްރުން ވަކިކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މިއީ ލީގެ މައްސަލަ ތަހުގީގު ކުރަމުންދާކަން ޗައިނާއިން ސާފުކޮށް ކަށަވަރުކޮށްދީ، އޭނާގެ ކުށްތަކުގެ ބާވަތުގެ ތަފްސީލްތައް ހާމަކުރި ފުރަތަމަ ފަހަރެވެ.

ޗައިނާގެ އަސްކަރިއްޔާއިން މިދިޔަ އަހަރުން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޕީއެލްއޭގެ އެގާރަ ޖެނެރަލުންނާއި އެރޯސްޕޭސް ޑިފެންސް އިންޑަސްޓްރީގެ ބައެއް އެގްޒެކެޓިވްސް ވަނީ މިހާތަނަށް ގައުމީ ގާނޫނު ހަދާ މަޖިލީހުން ވަކިކޮށްފަ އެވެ.

ލީގެ ކުރިން ހުންނެވި ވެއި ފެންގޭ އާންމުންގެ ނަޒަރުން ގެއްލުނީ މިދިޔަ މާޗް މަހު ކެބިނެޓަށް ގެންނަން ނިންމި ބަދަލުގެ ތެރެއިން އޭނާ ބަދަލުކުރި ފަހުންނެވެ. ވެއި އަކީ 2015-17 އަށް ސްޓްރެޓެޖިކް ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ރޮކެޓް ފޯސްގެ ވެރިޔާއެވެ.

ޗައިނާގެ ކޮންވެންޝަނަލް އަދި ނިއުކްލިއާ މިސައިލްތައް ބަލަހައްޓާ ޔުނިޓުގެ ބޮޑު ޝޮކެއްގައި، އަސްކަރިއްޔާގެ ކޮމާންޑަރު އިން ޗީފް، ރައީސް ޝީ ޖިންޕިން ވަނީ މިދިޔަ ޖުލައި މަހު ރޮކެޓް ފޯސްގެ އާ ވެރިޔާ އަދި ޕޮލިޓިކަލް ކޮމިސާރަކު އައްޔަން ކުރައްވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެއިއާ ބެހޭ ގޮތުން ފެށި ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ ރިޝްވަތުގެ ގޮތުގައި "ގިނަ އަދަދެއްގެ ފައިސާ އާއި އަގުހުރި ތަކެތި" ބަލައިގަނެ، "މުވައްޒަފުންގެ އިންތިޒާމުތަކުގައި އެހެން މީހުންނަށް ނާޖާއިޒު މަންފާ ހޯދުމުގައި އެހީތެރިވެދިން" ކަމަށާއި، އޭނާގެ އަމަލުތަކަކީ ވަރަށް ސީރިއަސް އަމަލެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ނުރައްކާތެރި އަސަރަކާއި ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޒިންހުއާ އިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!