ޚަބަރު

މަޖުބޫރު ހާލަތުގައި މެނުވީ ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޝަރިއަތުން ހުކުމް ކުރުމުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

Ads by STELCO

އެ ޖަމިއްޔާއިން އެހެން ގޮވާލީ ދާދި ފަހުން ޖަލުގައި ހުއްޓައި ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް (45އ) ނިޔާވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ މަރުގެ މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ތަހުގީގުކުރަން ގޮވާލާފަ އެވެ.

އެ ބަޔާނުގައި ބުނީ، ރާއްޖޭގެ ޖަލުތަކުގެ ހިންގުން ހާމަކަން އިތުރުކޮށް، ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި އެފަދަ މަރުގެ މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރިހަމައަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

އަދި ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހަމަނުވާ ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ދެމެހެއްޓެނިވި އިސްލާހީ ބަދަލުތައް ގެނެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް، ވަކިން ހާއްސަކޮށް އެންމެ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ލިބެން ޖެހޭ ރަައްކާތެރިކަމާއި އެފަރާތްތަކުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށާއި ކަށަވަރުކުރެވޭ ފަދަ ގޮތަކަށް އިސްލާހުތައް ގެނައުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ.

އަދި ބަންދުގައި ބައިތިއްބާ ފަރާތްތަކާއި ޖަލުގައި ތިބި ފަރާތްތަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ސިއްހީފަރުވާ ފޯރުކޮށްދިނުމަކީ އެ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

" މުހައްމަދު ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ފަރާތެއްކަން ދެނެގަނެވިފައިވާއިރު، އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ނަފްސާނީ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ޖަލު ހައްޔަރުކުރެވި ބެހެއްޓިފައިވާކަމަކީ މި ޖަމިއްޔާއިން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރާކަމެކެވެ"

އެ މަރާއި ގުޅިގެން އިސްލާހީ ބަދަލުތަކެއް ގެނައުމަށް ޓްރާންސްޕޭރެންސީން ވަނީ ދައުލަތައް ގޮވާލާފައެވެ.

އެއީ

  • ޝަރިއަތުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާ ކަމެއްކަން ކަށަވަރު ކުރުމާއި އެކު ބަންދުގެ ބަދަލުގައި އެޅިދާނެ ފިޔަވަޅުތައް؛ މިސާލަކަށް ޝަރުތު ހަމަވާ ގޮތަށް ދޫކުރުން، ކަފާލާތުގެ ދަށުން ދޫކުރުމާއި ރިޕޯޓްކުރުން ހިމެނޭ ގޮތަށް ބޭނުންކުރުން އިސްކުރުމަށް މިހާރު އަމަލުކުރަމުންދާ އޫސޫލުތައް އިސްލާހުކުރުން
  • ނަފްސާނީ ބަލިތަކާއި މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލުކުރާ ފަރާތްތައް ޖަލުގައި ބަންދު ކުރުން މަދުކުރުމަށާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަން ގެއްލިދާނެ ފަދަ ކަންކަން މަދުކުރުމަށް ސިއްހީ ނިޒާމަށް އިތުރަށް އިންވެސްޓް ކުރުން
  • ޖަލުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރާ ގޮތް މޮނިޓާ ކުރުމަށް އޯވަސައިޒް މެކޭނިޒަމްތައް ހަރުދަނާކޮށް މިހާރުން މިހާރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ އެއިސްލާހުތައް ގެނައުމަށް މަސައްކަތްކުރުން

ޖަލުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތާ ގުޅޭ ގޮތުން 2023 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް 231 އެއް ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި ބޭނުންވާ ބޭސް ލިބުން ލަސްވުމާއި، ފްލޯއަޕް ލަސްވުމާއި ހާއްސަ ޑޮކްޓަރުންގެ ފަރުވާ ހޯދުން ލަސްވުން ހިމެނެ އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް "ވާނުވާ" ބަންދުގައި މީހުން ބެހެއްޓުމަކި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ މުހިއްމު އުސޫލުތަކާއި ހިލާފު އަދި ބަންދުގައި ތިބޭ ފަރާތްތަކުގެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމްވާ ކަމެކެވެ. ރާއްޖޭގެ ޖަލުތަކުގެ ބެލުމުގެ ދަށުގައި ތިބި 30 އިންސައްތަ މީހުންނަކީ ޝަރީއަތުގެ ކުރިން ބަންދުގައި މީހުންކަން އދ. ގެ ވާކިން ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަން އިން 2021 ވަނަ އަހަރު ރާއްޖެއަށް ކުރި ޒިޔާރަތުގައި ފާހަގަކޮށްފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!