ޚަބަރު

ދަނޑުވެރިންނަށް ކުޑަ ހަރަދުގައި ތަކެތި އުފައްދާނެ ގޮތުގެ އިލްމު ފޯރުކޮށްދެވޭނެ: ވަޒީރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ދިވެހި ދަނޑުވެރިންނަށް ކުޑަ ހަރަދެއްގައި ތަކެތި އުފައްދާނެ ގޮތުގެ ޓެކްނޮލޮޖީ އަދި ސިއްހަތާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ކަންކަމުގެ އިލްމު ދަނޑުވެރިންނަށް ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދެމުން ދާނެ ކަމަށް އެގުރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހދ. ހަނިމާދޫގައި އެގުރޯނެޓުގެ މުވައްޒަފުންނަށް ގްރީން ހައުސް ފަދަ ދަނޑުވެރިކަމުގެ ދެމެހެއްޓެނިވި ވައްޓަފާޅީގެ ކަންކަމަށް ތަމްރީނުކޮށްދިނުމަށް ފަށާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރަމީލާ ވިދާޅުވީ ރާއްޖެއަކީ ގިނަ އަދަދެއްގެ މޭވާއާއި ތަކުރާރީ އެތެރެކޮށްގެން ވެސް ވިޔަފާރިވެރިން ވިޔަފާރި ކުރާ ގައުމަކަށް ވާތީ ދިވެހި ދަނޑުވެރިންނަށް ކުޑަ ހަރަދަކުން ތަކެތި އުފެެއްދޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

"މިއަދު މި ފެށޭ ތަމްރީން ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ، އެގުރޯނެޓުގެ މުވައްޒަފުންނަކީ، ރަށްރަށުގައި ގާއިމުވެ ތިބެ، ދަނޑުވެރިންނަށް އިރުޝާދުދީ، ތަމްރީނު ކުރާނެ ފަރާތްތަކަށް ވީ ހިނދު، ދަނޑު ހެއްދުމުގައި ސިއްހީ ގޮތުން ރައްކާތެރި މިންވަރަށް ކެމިކަލް ބޭނުން ކުރުމަށް، ވާދަވެރި ވިޔަފާރި ބާޒާރުގައި ރާއްޖޭގެ އުފެއްދުންތައް ވިއްކުމަށް ޓަކައި ހަރަދު ކުޑަކޮށް ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް އިސްކަން ދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ގޮތުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަން ފާހަގަ ކުރައްވައި މިނިސްޓަރު ރަމީލާ ވިދާޅުވީ އެ ޕްރޮގްރާމަކީ ވެސް އެ ސިޔާސަތުގެ ދަށުން އަންނަ ޕްރޮގްރާމެއް ކަމަށެވެ.

ޔޫއެންޑީޕީ މެދުވެރިކޮށް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްދާ ޕްރޮގްރާމަށް ފަހު ދަނޑުވެރިންގެ އުފެއްދުންތައް ދިވެހި ބާޒާރުގައި ވާދަވެރި ޖާގައެއް ލިބޭނެ ކަމުގެ އުންމީދު ކުރާ ކަމަށާއި އޭގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރުވެ އިގުތިސޯދަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!