ބްރޫނާއި ދާރުއްސަލާމުން 20 އިމާމަކު ތަމްރީންކުރަނީ

ބުރޫނާއި ދާރުއްސަލާމުން ރާއްޖޭގެ 20 އިމާމަކު ތަމްރީން ކުރުމަށް ފުރަން ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ރަސްކީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ 20 އިމާމުން ފުރާނީ މި މަހު 15 ގަ އެވެ.
"މި ތަމްރީނު ޕްރޮގްރާމް އޮންނާނީ ބުރޫނާއި ގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި،" މިނިސްޓަރު ޝަހީމް ލިޔުއްވާފައިވެ އެވެ.
ދިވެހި އިމާމުންނަށް ތަޖުރިބާއާއި ތަމްރީން ދިނުމަށް ބްރޫނާއީގެ އިތުރުން ސައުދީ އަރަބިއްޔާއާއި، މިސްރު، މެލޭޝިއާ، އަދި އިންޑޮނޭޝިއާއިން މި އަހަރު ދަތުރުތަކެއް ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.
އެ ގޮތުން މި އަހަރު އިމާމުންގެ ދެ ބެޗެއް ސައުދީއަށް ފޮނުވައި ތަމްރީން ފޯރުކޮށްދީފައިވެ އެވެ.