ޚަބަރު

އިތުރު 3 ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކުކުރެވޭ 3 މީހަކު ޓެސްޓު ކުރަނީ

އިތުރު ތިން ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ތިން މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ކުލަބްމެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖްއިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިނާއި ވެލިގަނޑު އައިލަންޑް ރިސޯޓްއިން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ތިން މީހުންގެ ވެސް ނަތީޖާ ލިބެންދެން ތިން ރިސޯޓު ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

އެ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ފައްސިވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!