ލައިފްސްޓައިލް

ކޯވިޑް 19: ގޭގައި އޮފީސް މަސައްކަތް ކުރާއިރު މިކަންކަމަށް ސަމާލުކަން ދެއްވާ!

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފެނުނު ނުރައްކާތެރި ވައިރަސް ކޯވިޑް 19 މިހާރު ދަނީ ވަރަށް ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތާވަލް ކޮށްފައިހުރި ބޮޑެތި ފުޓްބޯޅަ މުބާރާތްތަކާއި އެކިކަހަލަ ހަރަކާތްތައް މިވަނީ މަަޑު ޖައްސާލާފައެވެ. މިހާތަނަށް ތިންލައްކައަށް ވުރެ ގިނަ މީހުންނަށް ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާއިރު، މިބަލި ޖެހިގެން ތޭރަ ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Ads by Sosun Fihaara

ދިވެހި ރާއްޖެއިންވެސް ކޯވިޑް 19 އަށް ޕޮޒިޓިވް 13 ބިދޭސީން ފެނުމާއި ގުޅިގެން ސުކޫލުތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށް ގިނަ އޮފީސްތަކުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކުރާ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައެވެ. ވަޒީފާ އަދާކުރާ މަންމައިންނާއި ބައްޕައިންނަަށް ދަރިންނާއިއެކު ގޭގައި ތިބެގެން އޮފީސް މަސައްކަތްތައް ކުރުމަކީ ހަމަގައިމުވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. މި ލިޔުމުގައި މި ހިމަނާލަނީ ގޭގައި ތިބެ އޮފީސް މަސައްކަތްތައް ކުރާއިރު ކުރުން މުހިންމު ބައެއް ކަންތައްތަކަށެވެ.

ގޭތެރޭގައި އޮފީސް މަސައްކަތް ކުރުމަށް ވަކިތަނެއް ހާއްސަ ކުރެވިދާނެއެވެ. މިސާލަކަށް ބޮޑެތި ޓެރެސް ހުންނަ ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ޓެރެސް ބޭނުންކުރެވިދާނެއެވެ. ނޫނީ ނިދާ ކޮޓަރި ނުވަތަ ސިޓިން ރޫމްއިން ވަކިބައެއް ވެސް މަސައްކަތް ކުރަން ހާއްސަކުރެވިދާނެއެވެ. މަސައްކަތް ކުރަން ވަކިތަނެއް ހަމަޖެއްސުމަށްފަހު ދަރިންނަށް އެތަނަކަށް މަސައްކަތް ކުރާ ގަޑީގައި ވަދެ އަޑުގަދަ ކުރުން ފަދަ ކަން ކުރުން މަނާ ކުރެވިދާނެއެވެ. ނަމަވެސް ވިސްނަންވީ ކަމަކީ ހަމައެކަނި ބަހުން ''މަނާ'' ނުކުރުމެވެ. އެވަގުތު ވެސް ދަރިފުޅަށް ފައިދާ ހުރި ކަމެއްގެ ތެރެއަށް އޭނާ ވައްދާށެވެ. މި ދުވަސްވަރަކީ ސުކޫލު ބަންދު ދުވަސްވަރެއް ކަމަށްވުމާއެކު އޭނާގެ މިހާރުގެ ސުކޫލަކީ ގެކަމަށް ދަންނާށެވެ. ކުޑަކުއްޖެއްނަމަ އިލްމީ ކުޅިވަރެއް ނުވަތަ ކުޅިވަރުތަކެއް އެކުއްޖާ ލައްވާ ކުޅުވިދާނެއެވެ. އަދި ގޭގައި އޮފީސް މަސައްކަތް ކުރަނީ ބައްޕަ ކަމުގައި ވާނަމަ ، މަންމައަށް އެކުއްޖާއާއެކު ކުޅިވަރުގައި ޝާމިލް ވާށެވެ.

ދަރިންގެ އަތަށް ޓެބްލެޓް ނުވަތަ އައިޕެޑް އެއްޗެހި ދީފައި ދަރީންގެ ސިކުނޑި އޭގެ ތެރެއަށް އަބަދު ދޫކޮށްލާފައި ނުބައިތިއްބަވާށެވެ. ޚާއްޞަކޮށް ދަރީން އޭގެ ބޭނުން ހިފަނީ ކިހިނެއްތޯ ބެލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަބަދު އެކި ވައްތަރުގެ ގޭމްތަކުގެ ތެރޭގައި ކުދިން ތިބުމަކީ އޭގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމެކެވެ. އެހެންކަމުން އެތަކެތީގެ ބޭނުން ހިފާ ވަގުތު ވެސް ލިމިޓްކުރުމަކީ ބޭނުންތެރި ކަމެކެވެ.އޮފީސް މަސައްކަތް ގޭގައި ކުރަން ފެށުމުގެ ކުރިން ދަރިންނަށް އެއްޗެއް ކުރަހަން ނުވަތަ ކުލަ ޖައްސަން ދެވިދާނެއެވެ. މީގެއިތުރުން ޕަޒަލް އެއް ރާވަން ނުވަތަ ވާހަކަ ފޮތެއް ކިޔަންވެސް ދެވިދާނެއެވެ. ޔަގީނުން ވެސް މިކަންކަމުން ކުރާ ނަތީޖާ ފައިދާ ބޮޑު ވާނެއެވެ.

ގިނަ ކުޑަކުދިންނަކީ ކާޓޫން އެއްޗެހި ބެލެމަށް ވަރަށް ފޯރި ހުންނަ ކުދިންނެވެ. އެހެންކަމުން އޮފީހުގެ މަސައްކަތްތައް ކުރާ ގަޑީގައި ދަރިފުޅު ކާޓޫންބަލަން ދޫކޮށްލުމަކީ ވެސް ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް އިސްވެ ދެންނެވުނު ފަދައިން އެކަންކަމަށްވުރެ ދަރީންނާއި މައިންބަފައިންގެ ޝާމިލްވުން އޮންނަ ގޭމެއް ފަދަ އެއްޗެއް ކުޅުމަކީ މުޅިއާއިލާއަށް އުފާވެރިކަން ލިބި ފައިދާ ބޮޑުވާނެ ކަމެކެވެ. މިސާލަކަށް؛ ކުރާނެ ކަންތައްތަކެއް ވަކި ވަކި ގަނޑުކޮޅުތަކެއްގައި ލިޔެފައި ''ސުވާލު ގުޅި'' އެއް ހެދިދާނެއެވެ. އޭގެ ތެރޭގައި ދަރީންގެ އުމުރުފުރައާއި ގުޅޭ ގޮތުން ސުވާލުތައް ހެދިދާނެއެވެ. ޕްރީ ސުކޫލުގެ ކުއްޖެއްނަމަ ، ސޫރަތުލް ފާތިހާ ކިޔާލާށެވެ. ދާ ހެދުމެއް ވަށިގަނޑަށް ލާށެވެ. ފާޚާނާއަށް ވަންނައިރު ކިޔާ ދުޢާ ކިޔާލާށެވެ. މިފަދަ ސުވާލުތަކެއް ހިމަނާ އަދި އެ ސުވާލުތައް މަންމަ ، ނުވަތަ ބައްޕައަށް ވެސް ޖަވާބު ދެވޭނެ ގޮތަކަށް ރާވާލާށެވެ. މިފަދަ ގޮތަކަށް ކަންކަން ކުރުމުން ދަރިފުޅަށް ވެސް އުފާވެރި ވަގުތުތަކެއް ހޯދައިދެވި ، ފިލާވަޅުތައް މުތާލިޢާ ކުރެވޭނެއެވެ.

މީގެއިތުރުން ހެނދުނު ހޭލާ ގޮތަށް ދަރިފުޅަށް ވަގުތު ނުދީ އޮފީސް މަސައްކަތް ނުފަށާށެވެ. ދަރިންނާއި ވާހަކަ ދައްކާ ދަރިންގެ ވާހަކަތައްވެސް އަޑުއަހާށެވެ.

އަދި ދެމަފިރިން ވެސް އޮފީހުގެ މަސައްކަތްތައް ގޭގައި ކުރަން ޖެހޭނަމަ އެއް ވަގުތެއްގައި ދެމީހުން މަސައްކަތް ނުކޮށް ، ވަކިވަކިން މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ ބަލާށެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިފުޅަށް ވެސް ހިތް ފަސޭހަ ވަގުތުތަކެއް އިންތިޒާމް ވެވިގެން ދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!