ލީބިޔާއަށް ގެންދަން އުޅެނި ޗައިނާއިން އުފެއްދި އަސްކަރީ ޑްރޯންތަކެއް އިޓަލީން ހިފަހައްޓައިފި
އިޓަލީގެ ކަސްޓަމްސް ފުލުހުންނާއި ކަސްޓަމްސް އެޖެންސީން ބުނީ ލީބިޔާއަށް ދަތުރުކުރަމުން ދިޔަ ޗައިނާގެ އަސްކަރީ ދެ ޑްރޯން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވައި އަތުލައިގަނެފައިވާ ކަމަށެވެ.
މި ޑްރޯންތައް ފެނިފައިވަނީ ވިންޑް ޓާބައިން ބްލޭޑްގެ ރެޕްލިކާތަކުގެ ތެރޭގައި ފޮރުވާފައިވާ ކަލަބްރިއާގެ ދެކުނު ސަރަޙައްދުގެ ޖިއޯއާ ޓައުރޯ ބަނދަރުގައި ހުރި ހަ ކޮންޓެއިނަރެއްގެ ތެރެއިން ކަމަށް ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ.
އަދި އެ ތަކެތި ހިފަހައްޓާފައިވަނީ ދާޚިލީ ހަނގުރާމައިގެ ޝިކާރައަކަށްވެފައިވާ ލީބިޔާއަކީ ބައިނަލްއަގްވާމީ ހަތިޔާރު ގެނައުން މަނާކޮށްފައިވާ ގައުމަކަށްވާތީ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެމެރިކާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން މަހުގެ 18 ވަނަ ދުވަހު ޖިއޯއާ ޓައުރޯގައި އިންޓަސެޕްޝަން ހިނގާފައިވާ ކަމަށް އިޓަލީގެ ކޮރިއޭ ޑެލާ ސެރާ ނޫހުން މިދިޔަ މަހު ނެރުނު ރިޕޯޓެއް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ ނޫހުން ބުނީ މި ތަކެތި އަތުލައިގަތީ ޗައިނާގެ ދެކުނުގެ ބަނދަރު ކަމަށްވާ ޔަންޓިއަން އިން އަންނަ ކޮންޓެއިނަރ ބޯޓަކުން ކަމަށާއި އަސްކަރީ ކޮމާންޑަރު ޚަލީފާ ހަފްތާރުގެ ބާރުގެ ދަށުގައި އޮންނަ ލީބިޔާގެ އިރުމަތީ ބަނދަރެއް ކަމަށްވާ ބެންގާޒީއަށް ދަތުރުކުރަމުން ދަނިކޮށް އެމެރިކާގެ "ވަރުގަދަ" ޝައްކުތަކެއް ހުރި ކަމަށް ބުނެ ކަމަށެވެ.