ފުވައްމުލަކުގައި އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރުކުރި މައްސަލަ ބަލަނީ

ފުވައްމުލަކު ސިޓީގައި މީހަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ މައްސަލަ ބަލާނެ ކަމަށް އެ ހިދުމަތުން ބުނެފި އެވެ.
ސޯޝަލް މިޑިއާގައި "ވައިރަލް" ވެފައިވާ ވީޑިއޯއިން ފެންނަނީ އޮށޯވެ އޮތް މީހަކު ހައްޔަރުކުރަން ދެ ފުލުހަކު މަސައްކަތް ކުރާ މަންޒަރެވެ. ދެ ފުލުހުން ވެގެން އެ މީހާގެ އަތަށް ތަދުވާ ވަރަށް ލަންބައިލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދިނުމަށް އޮންނަ ފުލުހުންގެ ހިދުމަތުގެ ވަޓްސްއެޕް ގްރޫޕުގައި، އެ ހިދުމަތުން ބުނީ ފުވައްމުލަކުގައި ހިނގައިދިޔަ އެ ކަމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާސްއަށް އަންގާފައިވާނެ ކަމަށް ބުންޏެވެ.
އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގައި ވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން އެދިފައިވާނެ ކަމަށް ވެސް ބުންޏެވެ.