އިންޑިއާއާއި ބޯޑަރު މަޝްވަރާ ކުރަނީ
އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ބުރާސްފަތި ދުވަހު ކަޒަކިސްތާނުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ ބައްދަލުކުރައްވައި، ބޯޑަރު ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ނިއުދިއްލީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އިންޑިއާ އާއި ޗައިނާއަކީ ހިމާލިއާގެ ދިގު ބޯޑަރެއް އޮންނަ ދެ ގައުމު ކަމަށާއި، އޭގެ ބޮޑު ބައެއް ކަނޑައެޅިފައި ނުވާ ކަމަށާއި، 2020 ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާ ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ޝަހީދުކޮށްލި އަސްކަރީ ހަމަނުޖެހުންތަކަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
އިންޑިއާއިން ބުނީ ޖައިޝަންކަރު ވަންގްއާ ބައްދަލުކުރެއްވީ އަސްތާނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގެ ހަވާސާގައި ކަމަށާއި އެ ސަމިޓުގައި އެއްބަސްވެފައި ވަނީ ބޯޑަރު ސަރަހައްދުތަކުގެ މިހާރުގެ ހާލަތު ދިގުލައިގެން ދިއުމަކީ ދެ ފަރާތުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓިކް އަދި އަސްކަރީ އޮފިޝަލުންގެ މެދުގައި ބާއްވާ ބައްދަލުވުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގަތީ "ބާކީ ހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކުރުމަށް" ކަމަށެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ރަނގަޅަށް ހައްލުކޮށް، ގުޅުން ހަމަޖެހޭ މަގަކުން ކުރިއަށް ގެންދަން ޖެހޭ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވާންގްއާ ހަވާލާދީ އެ މަޝްވަރާތަކުގައި ބުނެފައިވެ އެވެ.
"ރަނގަޅު ވިސްނުމެއް ގެންގުޅެ، އެއްކޮޅުން ބޯޑަރު ސަރަހައްދުތަކުގެ ހާލަތު ރަނގަޅަށް ބެލެހެއްޓުމާއި ކޮންޓްރޯލް ކޮށް، އަނެއްކޮޅުން އާންމު މުއާމަލާތްތައް އަމަލީ ގޮތުން ފަށަން ޖެހޭ،" ވަންގް ވިދާޅުވި އެވެ.
މިދިޔަ މަހު ޖެހިޖެހިގެން ތިން ވަނަ ދައުރެއް ފެއްޓެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި "ދިގު މުއްދަތަކަށް ދިމާވެފައިވާ ހާލަތަށް" އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.