ޚަބަރު

ހިޖުރީ އާ އަހަރު ޝަހީމް ދެއްކެވީ ދީނާއި ދައުލަތް ވަކިނުކުރެވޭނެ ވާހަކަ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޝަހީމް - ދެްން ފޮޓޯ

ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، އިސްލާމް ދީނާއި ދައުލަތް ހިންގުން ވަކިނުކުރެވޭނެ ކަން ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ހިޖުރައިގެ ތާރީހުން ދަލީލުކޮށްދެއްވާ ކަން ކިޔައިދެއްވުމުގެ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކުގައި ޕޯސްޓެއް ކުރައްވައިފި އެވެ.

Ads by Sosun Fihaara

ތިން ސަރުކާރެއްގައި އިސްލާމް މިނިސްޓަރުގެ މަގާމު ފުރުއްވި ޝަހީމް ވިދާޅުވީ މައްކާއިން މަދީނާއަށް ކީރިތި ރަސޫލާ މުޙައްމަދު ﷺ ކުރެއްވި އެ ހިޖުރައަކީ ދައުވަތުގެ މަރުހަލާއަށް ފަހު ދައުލަތުގެ މަރުހަލާ ފެށިގެން ދިއުމުގެ ދަތުރު ކަމަށެވެ.

"އިސްލާމީ ދައުލަތް ގާއިމު ވެގެން ދިޔައީ އަންހެނުންނާއި ޒުވާނުންނާއި އިސްލާމުންގެ އެންމެންގެ ބައިވެރިވުމާ އެކުގަ އެވެ. އަދި ހިޖުރައިގެ ޙާދިސާއިން އިލްހާމް ކޮށްދޭ ހަގީގަތަކީ އިސްލާމް ދީނާއި މުސްލިމުން ހިމާޔަތް ކުރުމަށް ޓަކައި ދައުލަތެއް އޮންނަން ޖެހޭނެ ކަމެވެ." ޝަހީމް ލިޔުއްވާފައިވެ އެވެ.

އިސްލާމް ދީނަކީ، ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަ ހިފުމާއި ޙައްޖުވުން ފަދަ ﷲ ތައާލާއަށް އަޅުކަން ކުރެއްވުމުގެ އިތުރުން ވެސް، މުއާމަލާތާއި އަހުލާގާއި، އިގުތިސޯދާ ޝަރުއީ ހުކުމަތައް ގާއިމު ފަދަ ދިރިއުޅުމުގެ އެހެން ހުރިހާ ބިނާތައް ފުރިހަމަކުރަން ވެސް އުއްމަތަށް އަންގާފައިވާ ދީން ކަން، ޝަހީމް ލިޔުއްވާފައިވެ އެވެ.

"ދީނާއި ދައުލަތަކީ ވަކިވެފައިވާ ދެކަމެއް ފަދައިން މާނަ ކުރާ މީހުންގެ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަން ހިޖުރައިގެ ހާދިސާއިން ސާބިތުކޮށްދެ އެވެ. އިސްލާމް ދީނަކީ ހަމައެކަނި އަޅުކަމުގެ ދީނަކަށް ހަދައި މިސްކިތުގައި އިސްލާމް ދީން ޤައިދުކޮށް، ދައުލަތާއި، އިގުތިސޯދާއި އުޤޫބާތުގެ ކަންކަމުން ދީން ވަކިކޮށްލުމަކީ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަން ހިޖުރައިގެ ހާދިސާއިން ބުނެދެ އެވެ."

ކީރިތި ރަސޫލާ މުޙައްމަދު ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ކަން ހިނގައިދިޔަ ބައެއް ކަންކަން ވެސް ޝަހީމްގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ.

އެ ގޮތުން، ދުސްތޫރެއްގެ ގޮތުގައި އެކަލޭގެފާނު އިސްވެ ހުންނަވައި ގާއިމު ކުރެއްވި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ދެމެދުގެ އަހުދާއި އިސްލާމީ ދައުލަތް މެދުވެރިކޮށް މުސްލިމުންނާއި ޣައިރު މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރައްވައި އަދުލުވެރިކަން ގާއިމު ކުރެއްވި ކަމެވެ. އަދި ގައުމުތަކަށް ސަފީރުން ފޮނުއްވައި އިސްލާމީ ދައުލަތް ފުޅާ ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި ކަން ފާހަގަ ކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!