ޚަބަރު

ހުޅުމާލޭގައި އުޅޭ މީހުން އޮންލައިންކޮށް، ނޫނީ ގުޅައިގެން ވިޔަފާރި ކުރަން އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ދިރިއުޅޭ މީހުން އޮންލައިންގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް ހައުސިން ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އެޗްޓީސީ) އިން އެދިއްޖެ އެވެ.

Ads by STELCO

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމުގެ ގޮތުންނާއި، އެބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރާ ގުޅިގެން އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިތަކާއި، އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތައް ހިމެނޭ އެއްމެދު އިމާރާތުގެ އާއްމު ސަރަހައްދުތަކާއި، ސިޑީގެ ރެއިލިން ފަދަ ތަންތަން ގަވައިދުން ޑިސްއިންފެކްޓް ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ހާއްސަ ސަމާލުކަމެއްދީގެން ހުޅުމާލޭ ބީޗް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޑީސީން ވަނީ މި ދަނޑިވަޅުގައި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން އޮންލައިންގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް އެދިފަ އެވެ.

އެހެންކަމުން، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މިއަދުން ފެށިގެން އެމީހަކު ދިރިއުޅޭ ސަރައްހައްދުގައި ގާއިމު ކުރެވިފައިވާ ފިހާރަތަކާއި، އެ ފިހާރަތަކުގެ މައުލޫމާތު އެ ކޯޕަރޭޝަނުން އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވެބްސައިޓުން ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެޗްޑީސީން ވަނީ އެދިފަ އެވެ.

އެޗްޑީސީން ބުނީ ސަރުކާރުގެ އިދާރާތަކުން އަންގަވާ އިރުޝާދުތައް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާ ކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!