ސަރުކާރު ކުންފުނިތަކަށް ފިނޭންސް ޑިރެކްޓަރުންގެ ޕޫލެއް އެކުލަވާލަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޝަންތަކަށް ފިނޭންސް ޑިރެކްޓަރުންގެ ޕޫލެއް އެކުލަވާލަން ނިންމައި އެ ޕޫލަށް މީހުން ހޯދުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަނުން އިއުލާންކޮށްފި އެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމާއި އެ ކުންފުނިތަކުގެ ބޯޑުގެ އޮޑިޓު ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
ކުންފުނިތަކުގެ އެކައުންޓިން އަދި ފައިނޭންސް ޑިރެކްޓަރުންގެ ޕޫލަށް އައްޔަންކުރާ މީހުނަށް މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލުތައް ބަލަހައްޓާ، ރިސްކު މެނޭޖުމަންޓު ބެލެހެއްޓުމުގެ ޒިންމާ އޮންނާނެ އެވެ. މާލީގޮތުން ކުންފުނި ފުދުންތެރި ކުރުވުމަށް އިރުޝާދު ދެވޭ ފަދަ ފަންނީ ފަރާތްތަކަކަށް ވާން ޖެހޭނެ ކަމަށެވެ.
އެ ޕޫލް އެކުލަވާލާ ނިމޭއިރު ހުރިހާ ކުންފުނިތަކެއްގެ ބޯޑުގައި އެކައުންޓިން އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތެއް ހިމެނޭކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ޕީސީބީން ބުންޏެވެ.