ޚަބަރު

ރާއްޖެ-އެމެރިކާ ޓްރޭޑް އެއްބަސްވުމުގެ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގުރިމަންޓް (ޓިފަ) ގެ ކައުންސިލްގެ ބައްދަލުވުމެއް އެމެރިކާގައި ބާއްވައިފި އެވެ.

Ads by MWSC

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގެ ޗެއާ ބެލެހެއްޓެވީ ވެސް މިނިސްޓަރު ސައީދު އަދި ދެކުނު އަދި މެދު އޭޝިއާއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓޭޓިވް ބްރެންޑަން ލިންޗް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގުތިސޯދީ ތަސައްވުރު ދިވެހި ސަރުކާރުގެ ފަރާތުން ހުށަހެޅި އެވެ. ދެ ފަރާތުން ވެސް ވަނީ ފިކުރީ މުދާ ހިމާޔަތްކޮށް އިންވެސްޓްމަންޓް މާހައުލު ހަރުދަނާ ކުރުމަށް ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީގެ ސިޔާސަތު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނުވެރިންނާއި ވިޔަފާރިވެރިންނަށް ދުނިޔޭގެ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމްގެ އެއްބާރުލުން ދޭކަން ފާހަގަކޮށް، މާލީ، މެރިޓައިމް، ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ދާއިރާއިން ރާއްޖޭގައި ކުރެވޭނެ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.

ދެ ވަފުދުގެ ބޭފުޅުން ވެސް ވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމުގައި އެއްބާރުލުން އިތުރުކޮށް، ބައިލެޓަރަލް ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ ފައިދާ އެމެރިކާއާއި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ކުރާނެ ކަން ފާހަގަކޮށްފަ އެވެ.

އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޓިފާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ އުފެއްދުންތެރި ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ގައުމުގެ ސަރުކާރުން ވަނީ ވައުދުވެ އެއްބަސްވެފައި ކަމަށް އެމެރިކާއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!