އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގެ ޝަރަފުވެރި މެހެމާނުންގެ ތެރޭގައި ނަޝީދު
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނި ހަފުލާއަށް ދުނިޔޭގެ ކަންކޮޅުތަކުން ދައުލަތު ދެއްވި ޝަރަފުވެރި މެހެމާނުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގަތެވެ.
ފަހުގެ ތާރީހެއްގައި މުޅި ދުނިޔެއިން ވެސް ފެނުނު އެންމެ އަގުބޮޑު އެ ކައިވެނި ހަފުލާގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ތަރިން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ހޮލިވުޑާއި ބޮލީވުޑުގެ ފިލްމީ ފަންނާނުންނާއި އެކި ފަންނުވެރިންނާއި އެކި ކުޅިވަރުތަކުގެ ތަރިންގެ އިތުރުން ދުނިޔޭގެ ގައުމުތަކުގެ ބައެއް ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވަ އެވެ.
އިންޑިއާގެ ނޫސްތަކުން މެހެމާނުންގެ ލިސްޓު ރިޕޯޓު ކުރަމުން ދާއިރު ވެރިކަމުގައި ނުވަތަ މަގާމު މި ވަގުތު ފުރުއްވަމުން ނުދާ، ފާހަގަކޮށްލެވޭ ބައެއް ސިޔާސީ ޝަހުސިއްޔަތުތަކުގެ ލިސްޓެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ. ރައީސް ނަޝީދުގެ ނަން އެ ލިސްޓުގައި އޮތް އިރު، އެމަނިކުފާނުގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެ އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ ބޮރިސް ޖޮންސަނާއި ޓޮނީ ބްލެއާއާއި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ ޖޯން ކެރީއާއި، އޮސްޓްރިއާގެ ކުރީގެ ބޮޑުވަޒީރު ސެބަސްޓިއަން ކާޒްއާއި، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފެން ހާޕާއާއި، ސްވެޑެންގެ ކުރީގެ ބޮޑު ވަޒީރު ކާލް ބިލްޑްޓްގެ ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީގެ ވާދަވެރިކަން ތައާރަފުވި ދުވަސްވަރު އެންމެ މަގުބޫލު އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށްވާ ނަޝީދަކީ އަބަދުވެސް އިންޑިއާގެ ވެރިންނާއި މަހުޖަނުންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ނަޝީދުގެ ތިން އަހަރެއްހާ ދުވަހުގެ ވެރިކަމުގައި ވެސް އިންޑިއާއާ ދިވެހި ސަރުކާރުން ގާތް ގުޅުމެއް ބާއްވާފައިވެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަނަންތާއި ރާދިކާގެ ކައިވެންޏަށް 320 މިލިއަން ޑޮލަރު (4.9 ބިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ. ބޮޑު ހަރަދެއް ހިނގާފައިވަނީ ކައިވެނީގެ ކުރިން ބޭއްވި ބައެއް ހަރަކާތްތަކަށެވެ.
އޭގެ ތެރޭގައި އިންޑިއާގެ ހިންދޫ ދީނުގައި ކައިވެނީގެ ކުރިން ހިންގަން ޖެހޭ ބައެއް ހަރަކާތްތަކުގެ އިތުރަށް ދެ މީހުންގެ ލޯބީގެ ވާހަކަ ދައްކުވައިދޭ ހަރަކާތްތަކެއް ވެސް ހިމެނެ އެވެ. އަދި ހޮލީވުޑާއި ބޮލީވުޑުގެ އިތުރުން ވެސް ދުނިޔޭގެ ފާހަގަކޮށްލެވޭ ބައެއް މިއުޒީޝަނުންގެ ހުށަހެޅުންތައް ވެސް ހިމެނެ އެވެ.