ޚަބަރު

މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން: ހޮސްޕިޓަލް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް، އޭނާއަށް ފަހުން ފަރުވާ ދިން އެ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

Ads by Sosun Fihaara

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން "ދެން އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފަ އެވެ. ނިޔާވި ސަބަބަކީ ހާޓް އެޓޭކެއް ޖެހުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މާރަންދޫން މަންޒަރު ދުށް ބައެއް މީހުން "ދެން އޮންލައިން" އަށް ކިޔައިދިން ގޮތުގައި އޭނާގެ ހާލު ދެރަވާން ފެށީ މިއަދު އެ ރަށުގައި އޮތް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު ދަނޑުމަތީގައި ހުންނަވަނިކޮށެވެ.

"ނެއްލައިދޫއާ އެކު އޮތް މެޗެއް ނިމިގެން، ބެންޗުގައި އިންނަވަނިކޮށް އެއީ، މެޗު ނިމުނުތާ ވެސް އިރުކޮޅެއް ފަހުން، ހޮޅުލައި މާ ބޮޑަށް ހާލު ދެރަވާތީ މާރަންދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ،" މާރަންދޫ މީހަކު ބުންޏެވެ.

ރަމީޒަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހަރަކާތްތެރިއެކެވެ. މިއީ ކައުންސިލްގައި ރަމީޒުގެ ފުރަތަމަ ދައުރެވެ.

ރަމީޒު ނިޔާވި ހަބަރު ލިބިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމީޒަކީ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ރަމީޒަކީ މި ޕާޓިއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަން," ފައްޔާޒު ވިދާޅުވި އެވެ.

ރަމީޒު ނިޔާވި އިރު އޭނާގެ އުމުރުން 38 އަހަރެވެ. ދުނިޔޭގައި އަނތްބަކާއި ތިން ދަރިން އެބަ ތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!