ދުނިޔެ

އެމެރިކާއިން އިންޑިއާގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމާ ގުޅިގެން އެމެރިކާއިން ނިއުދިއްލީއާ ކަންބޮޑުވުން ފާޅުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން އިންޑިއާގެ ޚާރިޖީ ވަޒީރު އަޖިތު ޑޯވާލްއާ ހުކުރު ދުވަހު ވާހަކަ ދައްކަވާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

Ads by WAMCO

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލިވާން އާއި ޑޮވާލް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ބައިލެޓަރަލް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވާ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މޯދީ މި ހަފުތާގެ ކުރީކޮޅު ރަޝިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. މޮސްކޯގައި މޯދީ ޕުޓިންއަށް ވިދާޅުވީ ކުށެއް ނެތް ކުޑަކުދިން މަރުވުމަކީ ވޭންދެނިވި ކަމެއް ކަމަށާއި އެއީ ކީވްގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ދިން ނުރައްކާތެރި ހަމަލާއެއްގެ އެއް ދުވަސް ފަހުން ކަމަށެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިން އިންޑިއާއިން އެކަން ކުށްވެރިކޮށްފައި ނުވި ނަމަވެސް، މޯދީ ވެސް ޕުޓިންއަށް ވިދާޅުވީ ގަރާރެއް ހޯދޭނީ ހަނގުރާމައިގެ މައިދާނުގައި ނޫން ކަމަށާއި މަޝްވަރާކޮށްގެން ކަމަށެވެ.
ނަމަވެސް ފަހުން ރަޝިއާ އާއި އިންޑިއާގެ އޮފިޝަލުން ވަނީ އެ ދެ ބޭފުޅުންގެ ބައްދަލުވުންތަކުގައި ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

އިންޑިއާގެ ބަޔާނުގައި ބުނެފައި ވަނީ ސުލިވާން އާއި ޑޮވާލްގެ ވާހަކަފުޅުގައި އިންޑިއާ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، އެ ގުޅުން ބިނާވެފައި ވަނީ އެއް ހަމަތަކާއި ސްޓްރެޓެޖިކް އަދި ސަލާމަތީ މަސްލަހަތުތަކުގެ މައްޗަށް ކަމަށާއި ސުލްހަ އާއި ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ބުނެފައި ވަނީ މޮސްކޯއާ އިންޑިއާގެ ގުޅުމާ މެދު ހުރި ކަންބޮޑުވުންތައް ނިއު ދިއްލީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މޯދީ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަކީ ޔޫކްރެއިންއާ މެދު ހުޅަނގުގެ ކަންބޮޑުވުންތަކުގެ ބާރު ގަދަ ވޮޝިންޓަންގައި ބޭއްވި ނޭޓޯ ސަމިޓާ އިދިކޮޅެވެ.

ރަޝިޔާއަކީ އިންޑިޔާގެ އެންމެ ގާތް ސްޓްރެޓެޖިކް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ އަދި ޒަމާނުއްސުރެ އެންމެ ބޮޑު ހަތިޔާރު ސަޕްލައިކުރާ ގައުމެވެ. ނަމަވެސް އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ މި ސަރަހައްދުގައި ކުރިއަރަމުން އަންނަ ޗައިނާއަށް ކައުންޓާވެއިޓެއްގެ ގޮތުގައި ނިއު ދިއްލީއާ ގާތް ގުޅުމެއް އުފެއްދުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!