އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނުން ބޭން ކުރަނީ
ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ޕާކިސްތާން ތޭރީކޭ އިންސާފް (ޕީޓީއައި) މަނާކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެފި އެވެ.
އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތަރާރު މިހެން ވިދާޅުވެފައި މިވަނީ ގައުމީ އަދި ޕްރޮވިންސް އެސެމްބްލީތަކުގައި ހާއްސަކޮށްފައިވާ ގޮނޑިތަކުގެ ތެރެއިން ބައެއް ގެނައުމަށް ސުޕްރީމް ކޯޓުން ޕީޓީއައިއަށް ގާނޫނީ ގޮތުން ބޮޑު ކާމިޔާބީއެއް ދީފައި ވަނިކޮށެވެ.
"ޕީޓީއައި މަނާކުރަން ސަރުކާރުން ނިންމީ ލިބެން ހުރި ހުރިހާ ހެއްކެއް ބެލުމަށް ފަހު. ޕާޓީ މަނާކުރަން މައްސަލަ ހުށަހަޅާނަން،" މިދިޔަ އަހަރު ހަމަނުޖެހުން ހިންގަން ހިތްވަރު ދިނުމާއި ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލި މައްސަލަ ފަދަ ތުހުމަތުތަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
ތަރާރު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންނާނެ ކަމަށެވެ.
އިމްރާން އާއި ޕާޓީގެ އިތުރު ދެ އިސް ލީޑަރުން ކަމަށްވާ ޕާކިސްތާނުގެ ކުރީގެ ރައީސް އާރިފް އަލްވީ އާއި ނޭޝަނަލް އެސެމްބްލީގެ ކުރީގެ ނައިބު ރައީސް ގާސިމް ސޫރީގެ މައްޗަށް ޣައްދާރުވުމުގެ ދައުވާ އުފުލުމާއި، އަންހެނުންނާއި ދީނީ މައިނޯރިޓީގެ މެމްބަރުންނަށް ހާއްސަކޮށްފައިވާ އެސެމްބްލީގެ ބައެއް ގޮނޑިތައް ޕީޓީއައިއަށް ދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކުރަން ހުށަހަޅަން ސަރުކާރުން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޓީއައިގެ އިސް ލީޑަރު އަދި ޕާޓީގެ ތަރުޖަމާނު ސައީދު ޒުލްފިޤާރު ބުޚާރީ އަލްޖަޒީރާއަށް ވިދާޅުވީ ސަރުކާރުގެ މި ނިންމުމަކީ "އެމީހުންގެ ފުރިހަމަ ބިރުވެރިކަމަށް ޚިޔާނާތްތެރިވާ ކަމެއް" ކަމަށެވެ.
"ކޯޓުތަކަށް ބިރު ނުދެއްކޭނެ ކަން ނުވަތަ މަޖުބޫރު ނުކުރެވޭނެކަން ނުވަތަ ފަނޑިޔާރުން އިތުރަށް ބްލެކްމެއިލް ނުކުރެވޭނެކަން އެނގުމުން ކެބިނެޓް މެދުވެރިކޮށް އެކަން ކުރަން ނިންމީ. އަޅުގަނޑުމެން ހުއްޓުވަން އެމީހުން ކުރި ހުރިހާ މަސައްކަތެއް ކޯޓުތަކުން ވަނީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައި،" އޭނާ ވިދާޅުވި އެވެ.