ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ބިދޭސީއަކު ހަށިވިއްކަން 23 އަންހެނަކު ރާއްޖެ ގެނައި!

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކު ރާއްޖެއަށް 23 އަންހެނަކު ގެނެސް ހިންގަމުން ދިޔަ ހަށިވިއްކުމުގެ ވިޔަފާރީގެ ނެޓުވޯކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އެ ނެޓުވޯކުގެ އިސް މީހާ ވެސް އަތުލައިގަނެ ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އެއީ އާރިފް ކަމަދާރީ ކިޔާ ބަންގްލަދޭޝް ފިރިހެނެކެވެ.
އޭނާ ވިދާޅުވި ގޮތުގައި 2019 އިން ފެށިގެން މި ބިދޭސީ މީހާ ފޮނުވާލުމާ ހަމައަށް ރާއްޖެއަށް 23 އަންހެނަކު ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގާފައިވާ ކަމަށެވެ. މި ނެޓުވޯކުގައި ބައިވެރިވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، މިހާރު ވަނީ ޑިޕޯޓުކޮށްލައިފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭނެ ޖުމުލަ 65 ބިދޭސީން އަތުލައިގަނެ ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.