ޚަބަރު

ދަރިވަރުންނަށް ކުރާ ހޭދައިގެ ބަދަލު ގައުމީ ހިދުމަތުން ދިނުމަށް މިނިސްޓަރު މާރިޔާ އިލްތިމާސްކުރައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހި ދަރިވަރުންނަށް ދައުލަތުން ކުރާ ހޭދައަށް ވުރެ މަތީ ދަރަޖައަށް އެ ދަރިވަރުންގެ ހިދުމަތަށް ގައުމު ބޭނުންވާ ކަމަށާއި އޭގެ ބަދަލު ގައުމަށް ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ވަރަށް ބާރު ދުވެލީގައި ދުނިޔެ ކުރިއަރައި ބަދަލުވަމުން އަންނަ އިރު ވެށީގެ ގިޔަމުތައް އަދި ވެލިއުސް ފަނޑުވަމުންދާ ތަން ވެސް ފެންނަ ކަމަށެވެ.

ކޮންމެ ގައުމެއްގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ނަމަވެސް ކޮންމެ ދަރިވަރަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީން ކަމާއި އެ ގައުމެއްގައި ދިވެހިރާއްޖެ ތަމްސީލްކުރާ މަންދޫބެއް ކަން ހަނދުމައިގައި އަބަދުވެސް ބެހެއްޓުމަށް އިލްތިމާސްކުރެއްވި އެވެ. އަދި އަނބުރާ ދިވެހި ގައުމަށް ވަޑައިގެން ހިދުމަތް ދެއްވުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

"މި ލޮބުވެތި ގައުމުން ތިޔަ ދަރިވަރުންނަށް މި ކުރާ ހޭދައަށް ވުރެ މަތީ ދަރަޖައަކަށް ތިޔަ ކުދީންގެ ޚިދުމަތަށް އެދި، މި ގައުމު ގޮވަމުންދާ ކަން. 21 ވަނަ ގަރުނަށް ބޭނުންވާ ހުނަރާއި އިލްމު ލިބިގަނެ، އޭގެ ހަގީގީ މަންފާއަކަށް ވާން ވާނީ، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ގައުމު ހިންގުން. މިދެންނެވި ގޮތަށް ގައުމު ހިންގޭނީ ތިޔަ ދަރިވަރުން ފަދަ މޮޅު ދިވެހީންގެ ހިދުމަތް މި ގައުމަށް ލިބިގެން." އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވެސް މީގެ 27 އަހަރު ކުރިން ހަމަ މީގެ ޖަލްސާއަކުން ސްކޮލަޝިޕް ލިބިވަޑައިގެން މަތީ ތައުލީމު ހާސިލްކުރެއްވި ބޭފުޅެއް ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އޭގެ ފަހުން ހައުސިން މިނިސްޓަރުގެ ގޮތުގައި ހަތް އަހަރު، މާލޭގެ މޭޔަރުގެ ގޮތުގައި ތިން އަހަރު، އަދި މިހާރު ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ގައުމީ ހިދުމަތުގައި އެމަނިކުފާނު ދެމިހުންނެވި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެމަނިކުފާނު ތައުލީމަށް ދެއްވާ އިސްކަން އެންމެ ގާތުން ފެންނަ އެކަކީ އަޅުގަނޑު. ދިވެހި ޒުވާނުން އިލްމީ ގާބިލު މީހުންނަށް ހެއްދެވުމަށް ޓަކައި ކެނޑިނޭޅި އެމަނިކުފާނު ދެއްވާ ލަފާފުޅުތަކާއި، ކޮށްޓަވައިދެއްވާ މަގުތައް ނުހަނު ގިނަގުނަ،" ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު މިއަދު ގައުމީ ހިދުމަތުގައި ހުންނެވި މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ހާސިލްކޮށްފައިވެ އެވެ. އަދި ހަޔާ އެޗީވާސް ސްކޮލާޝިޕް 117 ދަރިވަރަކު ހާސިލްކޮށްފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!