ޚަބަރު

މަތީ ތައުލީމު ހޯދާ ދަރިވަރުންނަށް ސަރުކާރުގެ ބޮޑު މުސާރައިގެ ވަޒީފާ ހަމަޖެހޭނެ: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ބޮޑު މުސާރައިގެ ވަޒީފާ ހަމަޖެހިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ  ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެ ކަން ހަމަޖައްސާނީ ބާރު އެޅުމުގެ ގޮތުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން 200 މިލިއަން ރުފިޔާ ބޮޑު މުސާރަ ދިނުމަށް ކަނޑައަޅައިގެން ކަމަށެވެ.

އެއީ އުމްރާނީ ތަރައްގީއާ އެއްވަރަށް އިންސާނީ ތަރައްގީއަށް ވެސް ހޭދަ ކުރުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭން ބޭރުން ތައުލީމު ހާސިލު ކުރުމަށް ފަހު ވެސް އަނބުރާ ރާއްޖެ އައުމުގައި ދަތިތަކެއް އެބަ އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.

އެއް ކަމަކީ ރާއްޖޭގައި ގިނަ ކަންކަން އެންމެ ފުރިހަމައަށް ހަމަޖެހިފައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހާއްސަކޮށް ގެދޮރުގެ ކަންކަން ހަމަނުޖެހި ވަރަށް ހާލުގައި ގިނަ ދިވެހީން އުޅޭ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ތިޔައިގެ ތެރެއިން ގިނަ ކުދިން އުޅެނީ ވަރަށް ހާލުގައި، އާއިލާގެ އެކި މީހުނަށް ލިބޭ އާމްދަނީގެ ޕޫލުން ކުލި ދައްކައިގެން އުޅޭ އާއިލާތައް މަދެއް ނުވާނެ. ވަރަށް ގިނަ ކުދިން ކިޔަވައި ނިމިގެން ރާއްޖެ ނައިސް އެބަ މަޑުކުރޭ. އެއީ ކިޔަވައި ނިމިގެން އައިސް މި ތަނުގައި އުޅެވެން ނެތީމަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަމިއްލަ ދިރިއުޅުން ފެށޭނެ ގޮތަށް އަދި އާއިލާއާ އެކީ އުޅެވޭނެ ގޮތަކަށް، މި ހުރިހާ ގޮތަކަށް ވެސް ވިސްނައިގެން ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާލުވި އެވެ.

އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ރައީސް ދެން ފާހަގަ ކުރެއްވީ ރާއްޖޭން އެ ކަމަށް ރަނގަޅު މުސާރަ ހުރި ވަޒީފާތަކެއް ނެތުމެވެ. ހާއްސަކޮށް ސަރުކާރުގެ އެކި މުއައްސަސާތަކަށް އެކި ދާއިރާތަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުންނާއި އެކި ހުނަރުވެރިން ބޭނުންވިޔަސް ނުލިބެނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ބޮޑު މުސާރަ ދެވޭނެ ގޮތަށް ޕީއެސްއައިޕީ ބަޖެޓުގެ ބައެއް އެ ކަމަށް ކަނޑައަޅަން ނިންމީ ވެސް އެހެންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުން ފެށިގެން ބަޖެޓަށް އެ ބަދަލު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި އަންނަ އަހަރުން ފެށިގެން އުމްރާނީ ތަރައްގީއަށް މި ކުރާ ހަރަދުން އެއްބައި އިންސާނީ ތަރައްގީއަށް ހޭދަ ކުރާ ގޮތަށް ބަދަލުކުރާނެ. ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 200 މިލިއަން ރުފިޔާ، ވަރަށް ރަނގަޅު ފެންވަރުގެ މުސާރައަށް ހުނަރުވެރިން ސަރުކާރަށް ވަޒީފާއަށް ނެގުން،"

"ބޭރުގައި ދެން މަޑުކުރާކަށް ނުޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގިނަ ދާއިރާތަކަކީ ދިވެހީންނަށް ހާއްސަ ދާއިރާތައް ގޮތުގައި ކަނޑައަޅާފައިވަނީ ވެސް މަތީ ތައުލީމަށް ސަރުކާރުން ކުރަމުންދާ ހޭދައިގެ ބަދަލު ގައުމީ ހިދުމަތަށް ހޯދުން ކަމަށް، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، ރައީސް މުއިއްޒު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!