ޚަބަރު

ފެލައިނީއާ ބައްދަލުވި މީހުން އަމިއްލަ އަށް ރިޕޯޓުކުރުމަށް އިލްތިމާސް ކޮށްފި

ދެން އެމްވީ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ފައްސިވެފައިވާތީ، އޭނާއާ ބައްދަލުވި މީހުން އަމިއްލަ ރިޕޯޓުކުރުމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒު އިލްތިމާސް ކުރައްވައިފިއެވެ.

މަބުރޫކު ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހުރި މުއްދަތުގައި ކޮންޓެކްޓްވި މީހުން ހޯދަމުންދާ ކަމަށާއި ނަމަވެސް އޭނާއާ ކޮންޓެކްޓްވި މީހުން އަމިއްލައަށް ވެސް އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އަށް އެންގުމަށް އެދޭ ކަމަށެވެ.

"އެއީ އޭނާއާ ސަލާމްކުރި މީހެއް ވިޔަސް، ސާވްކުރި މީހެއް ވިޔަސް އެޗްޕީއޭއަށް އެންގުން އެދޭން." މަބްރޫކް ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ އޭނާ އެއާޕޯޓަށް ވެސް ގޮސްފައިވާއިރު ކޮންޓެކްޓްވި މީހުން މާލޭގައި ތިބުން ވެސް އެކަށީގެންވާތީ ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް އެކަން ރިޕޯޓްކޮށްދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށާއި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައި ކަމަށް މަބްރޫކް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ރާއްޖެ ފުރައިގެން ގޮސްފައިވަނީ މި މަހުގެ 12 ގައި ކަމަށާއި ބައްޔަށް އޭނާ ފައްސިވިކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން 14 ދުވަހުގެ މުއްދަތަށް ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ މި މަހުގެ ހަވަނަ ދުވަސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!