އިމްރާން ޚާންގެ ޕީޓީއައި މަނާކުރަން ޕާކިސްތާނުން ނިންމި ނިންމުމުގެ ފަހަތުގައި ވަނީ ކޮން ކަމެއް
މިދިޔަ މަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ޕާކިސްތާނުގެ ގައުމީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެގައުމުގެ މައި އިދިކޮޅު، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ލީޑަޝިޕަށް އޮލިވް ބްރާންޗެއް އިތުރުކުރައްވައިފަ އެވެ.
"ޕާކިސްތާނަށް މިނިވަންކަން ލިބުނުތާ 76 އަހަރުގެ ތެރޭގައި، އެކަކު އަނެކަކާ ސަލާމް ކުރަން ވެސް ފަސްޖެހޭ ހިސާބަށް މި ވަނީ ގޮސްފައި،" ޕާކިސްތާނުގެ ސިޔާސީ ބައިބައިވުން ބޮޑުވެފައިވާތީ ހިތާމަ ކުރައްވާ ޝަރީފް މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ވިދާޅުވި އެވެ.
ނަމަވެސް އޭގެ މަހެއްހާ ދުވަސް ނުވަނީސް، ޖުލައި މަހުގެ 15 ވަނަ ދުވަހު އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތަރާރު ވަނީ މިދިޔަ އަހަރު ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރު ދީ، ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމުގެ ތުހުމަތު ކޮށް، ޕީޓީއައި މަނާކުރަން ސަރުކާރުން ވިސްނަމުންދާ ކަން އިއުލާން ކުރައްވާފަ އެވެ. ޕީޓީއައިގައި އިސްކޮށް ހުންނެވީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެވެ.
"ޕީޓީއައި މަނާކުރަން ސަރުކާރުން ނިންމީ ލިބެން ހުރި ހުރިހާ ހެއްކެއް ދިރާސާ ކުރުމަށް ފަހު. ޕާޓީ މަނާކުރަން މައްސަލަ ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.
ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ގެ ސަރުކާރުން ކުރި އިއުލާނާ ގުޅިގެން ވާދަވެރިންގެ އިތުރުން އެ ޖަމާއަތުގެ ބައިވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ލީޑަރުން ވިދާޅުވީ އެކަން އިއުލާނު ކުރުމުގެ ކުރިން މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
"އޭގެ ފަހުން އެމީހުން އަހަންނާ ހަމައަށް ވެސް ގޮސްފައެއް ނުވޭ. ސަރުކާރުގެ ނިންމުން އަޅުގަނޑުމެންނަށް އެނގުނީ އިންފޮމޭޝަން މިނިސްޓަރުގެ ޕްރެސް ކޮންފަރެންސް މެދުވެރިކޮށް،" ޕީޕީޕީގެ ސެނެޓަރު ސަލީމް މަންދުވީވާލާ އަލްޖަޒީރާއަށް ވިދާޅުވި އެވެ.
ޕާކިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސް އިދާރާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗްއާރްސީޕީ) އިން ވަނީ މި ނިންމުމަކީ ސިޔާސީ މާޔޫސްކަމެއްގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.