އެމްޑީޕީގެ 34 ދާއިރާއެއްގެ ނައިބު ރައީސުން ވޯޓަކަށް ނުގޮސް އިންތިހާބުވެއްޖެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 34 ނައިބު ރައީސުންގެ މަގާމަށް ވޯޓަކަށް ނުގޮސް ބަޔަކު ހޮވިއްޖެ އެވެ.
އެމްޑީޕީން ވަނީ ވޯޓަކަށް ނުގޮސް އިންތިހާބުވި 34 ނައިބު ރައީސުންގެ ނަންތައް އިއުލާންކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ނައިބު ރައީސުންނާއި ހަތް ދާއިރާއެއްގެ ނައިބު ރައީސުން އަދި ހަތަރު ސިޓީއެއްގެ ނައިބު ރައީސުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޮގަސްޓް މަހު ދެވަނަ ދުވަހުގަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް މި ކުރިމަތިލަނީ، މި ފަހުން ބޭއްވި ގައުމީ އިންތިހާބުތަކުގައި އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު އެންމެ ފަހުން ބޭއްވި ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި ވެސް ގޮނޑިއެއް ކާމިޔާބެއް ނުވެ އެވެ.
އެ ޕާޓީއަށް އެންމެ ފަހުން ކާމިޔާބުވި އިންތިހާބަކީ ރިޔާސީ އިންތިހާބަށް ފަހު އެންމެ ފުރަތަމަ ބޭއްވި ބޮޑު އިންތިހާބު ކަމަށްވާ، މާލޭގެ މޭޔަރުގެ ބައި-އިލެކްޝަނެވެ.