ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ކުރީގެ ޚާރިޖީ އަދި ދިފާއީ ވަޒީރުން މަގާމުން ވަކިކޮށްފި
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ޚާރިޖީ އަދި ދިފާއީ ވަޒީރުން ކަމަށްވާ ކިން ގޭންގް އާއި ލީ ޝަންގްފޫ އެ ޕާޓީގެ ސެންޓްރަލް ކޮމިޓީން ވަކިކުރީ އެ ޕާޓީގެ ނިންމުންތައް ނިންމުމުގެ އެންމެ އިސް އިދާރާގެ ބައްދަލުވުމެއްގައި ކަމަށް ޗައިނާގެ ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ބުނެފި އެވެ.
އެ ދެ އޮފިޝަލުން ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރު އެވެ.
ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ތިންވަނަ ޕްލެނަމް މިދިޔަ ބުރާސްފަތި ދުވަހު ނިމުމަކަށް ގެނެސް، އެ ގައުމުގެ ދިގު މުއްދަތުގެ އިޖުތިމާއީ އަދި އިގްތިސާދީ ސިޔާސަތުތަކުގެ އާންމު މިސްރާބު ކަނޑައެޅުމަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ 205 މެމްބަރުންގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި އެވެ. އަދި އެފަދަ ބައްދަލުވުންތަކުގައި ސެންޓްރަލް ކޮމިޓީގެ މެމްބަރުން ވަކިކުރަން ވެސް ފާސްކުރާނެ އެވެ.
ސެންޓްރަލް ކޮމެޓީން ޒިންހުއާ އިން ނެރުނު ބަޔާނެއްގައި ބުނީ ކިން ގޭންގްގެ އިސްތިއުފާ އެ ޖަމިއްޔާއިން ބަލައިގަނެ، ލީ ޝަންގްފޫ، 66، އާއި ޕީއެލްއޭ ރޮކެޓް ފޯސްގެ ކުރީގެ ކޮމާންޑަރު ލީ ޔޫޗާއޯ، 61، ކޮމިއުނިސްޓް ޕާޓީން ވަކިކުރީ "ޑިސިޕްލިން އާއި ގާނޫނާ ވަރަށް ބޮޑަށް ހިލާފުވެގެން" ކަމަށެވެ. ލީ ޔޫޗާއޯ ވެސް ވަނީ މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފަ އެވެ.
ކޮމިއުނިސްޓް ޕާޓީ އާއި އެ ޕާޓީގެ ސެންޓްރަލް ކޮމިޓީން ލީ ޝަންގްފޫ އާއި ލީ ޔޫޗާއޯ މުއްދަތު އިތުރުކޮށްގެން ވަކިކުރަން ނިންމުމުން، ކިން ގޭންގް އިސްތިއުފާ ދެއްވުމާ އަޅާބަލާއިރު، އެ ދެ ބޭފުޅުންނަށް ސިޔާސީ ގޮތުން މާ ހަރުކަށި ނަތީޖާތަކެއް ނުކުންނާނެ ކަން އެނގެ އެވެ. ކިން އަދިވެސް ހުންނެވީ ކޮމިއުނިސްޓް ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ 2012 ވަނަ އަހަރު ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމަށްފަހު ކޮރަޕްޝަނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނެއް ހިންގަވާފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް އެ ޕާޓީގެ އެންމެ އިސް ކޮރަޕްޝަން ބަލަހައްޓާ އިދާރާއިން ވަނީ ނައިބު ވަޒީރުކަމުގެ ފެންވަރުގައާއި އެއަށްވުރެ މަތީގެ 36 އޮފިޝަލެއްގެ މައްސަލަ ބަލާފައެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީއިން ކޮރަޕްޝަނާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ލީ ޝަންގްފޫ އާއި އޭނާގެ ކުރީގެ ރައީސް ވެއި ފެންގޭ ވަނީ ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މަހު ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފަ އެވެ.
އުމުރުން 58 އަހަރުގެ ކިން، ހަތް މަސް ދުވަހު ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ކުއްލި ގޮތަކަށް ފޮރިން މިނިސްޓަރުކަމުން ވަކިކުރި އިރު، ކައިވެނިން ބޭރުން ގުޅުން ހިންގަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އޭނާ އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ. މިދިޔަ އޮކްޓޯބަރު މަހު ޗައިނާގެ ކެބިނެޓް، ސްޓޭޓް ކައުންސިލްގެ މެމްބަރުކަމުން އޭނާ ވަކިކޮށް، ފެބްރުއަރީ މަހު ގައުމީ ގާނޫނު ހަދާ މަޖިލީހުން "އިސްތިއުފާ" ދެއްވި އެވެ.