ހުޅުމާލެ މަގުތަކުގެ ދުވާރުމަތީ ހުރި ގޮނޑި މޭޒު ނަގަން އަންގައިފި
ހުޅުމާލެ މަގުތަކުގެ ދުވާރުމަތީ ހުރި ގޮނޑިތަކާއި މޭޒުތަކާއި އަދި އެ ނޫން ވެސް ތަކެތި ނަގަން ހުޅުމާލެ ބަލަހައްޓަމުންދާ އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން ބުނީ ދުވާރުމަތީގައާއި ހެޖު ތެރޭގައި މޭޒާއި ގޮނޑި ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ހިދުމަތް ދެމުން ދާތީ ގިނަ ބަޔެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.
ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ހުންނަ މިފަދަ ތަންތަނުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތް ކުރާ ކަމުގެ ޝަކުވާތަކެއް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ކަން އެޗްޑީސީން ފާހަގަ ކުރި އެވެ.
ދުވާރުމަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަން ވެސް ފާހަގަކޮށް، އެ ތަކެތި ނުނަގާ ފަރާތްތަކާ މެދު ކަމާ ގުޅުން ހުރި މިނިސްޓްރީއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.