ޚަބަރު

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާން އައްޔަންކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން/ ފޮޓޯ: ދެން

އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުގައި މިވީހާ ތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އައްޔަންކޮށްފި އެވެ.

Ads by MWSC

މިރޭ ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހިސާންގެ ނަން ހުށަހެޅުއްވީ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު ބުނާ ގޮތުން ޕާޓީގެ ނައިބު ރައީސަކީ ޕާޓީގެ ރައީސް އައްޔަންކުރާ މަގާމެކެވެ. އައްޔަން ކުރުމުގެ ކުރިން އެ މީހަކަށް ގައުމީ މަޖިލީހުގެ ރުހުމަށް ވެސް އެދެން ޖެހެ އެވެ.

ގަވާއިދުގައިވާ ގޮތުން މިރޭގެ ބައްދަލުވުމަށް ހިސާނަށް ރުހުން ދިނުމަށް ވަނީ އެދިފަ އެވެ. އެނގިފައިވާ ގޮތުގައި ގައުމީ މަޖިލީހުން ވަނީ ހިސާނަށް ދާދި ދެންމެއަކު ރުހުން ދީފަ އެވެ.

ހިސާނަކީ 2013 އިން 2018، އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ޖަލު ބަންދާއި އެކި ގޮންޖެހުންތައް ކުރިމަތިވި ޕާޓީގެ ސިޔާސީ ވެރިންނާއި އެކްޓިވިސްޓުންނަށް ވަކާލާތުކޮށްދެއްވި ގާނޫނީ ވަކީލެކެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލްކުރެއްވީ ހިސާނެވެ. އަދި މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެންބަރަކަށް ވެސް އެ މަޖިލީހުގައި ކަނޑައެޅުއްވީ ހިސާނެވެ. ހިސާން ވަނީ އެ ކޮމިޝަނުގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!