ހޯމްގެ ސްޓޭޓް މިނިސްޓްރީ ކަމުން އިސްތިއުފާއެއް ނުދެން: މާނިއު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކިކޮށް ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ބަދަލު ކުރި ޔޫސުފް މާނިއު އިސްތިއުފާ ދެއްވި ކަމަށް ފަތުރާ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.
މާނިއު "ދެން އޮންލައިން" އަށް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ މިނިސްޓްރީގެ ސިޔާސީ މަގާމުގައި ކަމަށެވެ. އަދި ހުންނެވީ ސަރުކާރާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކިކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަގާމަށް ދެން އައްޔަންކުރީ ޑެޕިއުޓީ ކޮމިޝަނަރަކަށް އޭރު ހުންނެވި ފާތިމަތު ދިޔާނާ އެވެ.
މާނިއު މަގާމުން ވަކިކުރީ އޭނާއަށް ނާންގާ ކަމަށް ބުނެ ވެސް އެކި ވާހަކަތައް އެބަ ދެކެވެ އެވެ. އަދި މާނިއުއާ ސަރުކާރާ ދެމެދު ހިތްހަމަނުޖެހުންތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.