ވިޔަފާރިތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާ އެކަނި ހޯދައިގެން ވެސް ދަރަނީގެ މައްސަލަ ހައްލުވާނެ: ރައީސް
ވިޔަފާރިތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާ އެކަނި ހޯދައިގެން ވެސް ބޭރު ދަރަނީގެ މައްސަލަ ހައްލު ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދަރަނީގެ މައްސަލަ ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ކުރީގެ ސަރުކާރުތަކުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ނެތުން ކަމަށެވެ.
އެ ގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވީ އޭގެ ތެރެއިން ވިޔަފާރިތަކުން ގާނޫނުގައި ބަޔާންކުރާ ބައެއް ޓެކްސްތަކުގެ ފައިސާ ނުދައްކާ އޮތް ކަމެެވެ. އޭގެ ތަފުސީލީ ހިސާބުތައް ވެސް މިރޭ އެމަނިކުފާނު ހާމަކުރެއްވި އެވެ.
ލޭންޑް ރެންޓު ނުވަތަ ބިމު ކުލީގެ ގޮތުގައި 513 މިލިއަން އެމެރިކާ ޑޮލަރު ނުލިބި އެބަ އޮތެވެ. ޓުއަރިޒަމް ވިޔަފާރިތަކުން ދައްކަން ޖެހޭ ޓެކްސް، ޓީޖީއެސްޓީގެ 123 މިލިއަން އެމެރިކާ ޑޮލަރު ނުލިބެ އެވެ. ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އެވެ. އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެވެ.
އޭގެ ޖުމުލަ 13 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ފައިސާ އެކަނި ހޯދިޔަސް ދަރަނީގެ މައްސަލަ ހައްލުވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ "ކަމަކާ އުޅުނީމައިދޯ ފައިސާ ހޯދޭނީ ވެސް،" ކަމަށެވެ. ފައިސާ ނުދައްކާ ހުރި ހުރިހާ ވިޔަފާރިއަކަށް މި ސަރުކާރުން މިހާރު ސިޓީ ފޮނުވާފައިވާ ކަމަށާއި ސިޓީ ފޮނުވި ފަހުން ބައެއް ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެ ފައިސާ ދެއްކޭނެ ގާބިލު ކަން އޮތް އެންމެ ފެންވަރު ހުރި ނަން މަޝްހޫރު ކުންފުނިތަކެއް ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"[ފައިސާ ހޯދަން] ކޯޓަށް ދާން ޖެހުނަސް ދާނަން، އަޅުގަނޑަށް ޔަގީން މި ހިސާބަށް ނުގޮސް ވެސް މިއިން ދެބައިކުޅަ އެއްބައި ފައިސާ މަދުވެގެން ހޯދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާ އަދި އިންޑިއާއިން ލޯނު ނަގާފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ބަޖެޓު ސަޕޯޓަށް ވެސް އިންޑިއާއިން ލޯނު ދީފައިވެ އެވެ. މި ލޯނުތައް ވެސް ހިމެނޭހެން، އެތެރެއާއި ބޭރުގެ ދަރަނި ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ދަރަނި ގާތްގަނޑަކަށް 120 ބިލިއަން ރ. އަށް މިހާރު އަރަ އެވެ.
މިއިން ދަރަނީގެ ބޮޑު ބައެއް 2026 ވަނަ އަހަރުން ފެށިގެން ދައްކަން ޖެހޭ އިރު އެ ފައިސާ ދެއްކޭނެ ވަރުގެ ގާބިލްކަމެއް އަދި ދިވެހި ދައުލަތުގައި ނެތް ކަމަށް ސުވާލު އުފެދެ އެވެ. ދިވެހި ސަރުކާރުން އަންނަނީ ދަރަނި ދެއްކުން ފަސް ކުރުމަށް ޗައިނާއާއި އިންޑިއާއާއެކު މަޝްވަރާކުރަމުންނެވެ.
އިންޑިއާއިން 50 މިލިއަން ޑޮލަރު އޯވަރޯލް ކޮށްދީފައިވާއިރު ޗައިނާއިން ވަނީ މި ފަސް އަހަރު ލޯނުން ބައެއް ނުދައްކަން ފެހި ސިގުނަލް ދީފަ އެވެ.