ޚަބަރު

ދައުލަތަށް 15 ބިލިއަން ނުލިބޭ، މަޖިލީހަށް މީރާ ހާޒިރުކުރަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ނުހޯދިވާ ސަބަބު މީރާއިން އޮޅުންފިލުއްވާނެ ކަމަށް މަޖިލީހުގެ ނަައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ދިއްގަރު ދާއިރާގެ މެމްބަރު 'އެކްސް' ގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ މީރާ އިން ދައުލަތަށް ނަގަންޖެހޭ ޓެކްސްއާއި ޓެކްސް ނޫން އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކުރައްވާފަ އެވެ.

"މެއި މަސް ނިމުނުއިރު، ދައުލަތަށް ލިބެންޖެހޭ 15،445،526،584.29ރ. ނުހޯދިވަނީ" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަންގާރަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް މީރާ ހާޒިރުކޮށް އެކަމާ ގުޅިގެން ސުވާލުކުރެވޭނެ އެވެ.

"މިކަމުގައި ދެ ގޮތެއް ނެތް. މި ފައިސާ ހޯދަންޖެހޭ. މިކަމުގެ އެންމެ ފުނަށް ދާނަން" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އާއްމު ކުރެއްވި އަދަދުތަކުން އެނގޭ ގޮތުގައި މެއި މަސް ނިމުުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 9.5 ބިލިއަން ނުލިބެ އެވެ. 5.8 ބިލިއަންގެ އިންޓްރެސްޓު ހިމަނައިގެން ދައުލަތަށް ޖުމްލަ 15 ބިލިއަން ރުފިޔާ ނަގަން ޖެހެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!