ޕީސީބީ ނައިބު ރައީސް ކަމުން ފިރާޒު ވަކިކޮށްފި

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ނައިބު ރައީސް ކަމުން މުހައްމަދު ފިރާޒު ވަކިކޮށްފި އެވެ.
ނައިބު ރައީސް ކަމުން ފިރާޒު ވަކިކޮށްފައިވާ ކަން ހާމަކޮށް ޕީސީބީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ޕޯސްޓުކޮށްފަ އެވެ.
އޭނާ ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.
މީގެ ކުރިން މިދިޔަ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ މައްސަލައެއް ވެސް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ނިންމި އެވެ. އެއީ އެ މަގާމުގައި ހުންނަވައިގެން ވެރިކަންކުރާ ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މައްސަލަ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން ޕީސީބީގެ ރައީސް އާއި ނައިބު ރައީސްއަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެސް ނުހުރެވޭނެ އެވެ.