އޮލިމްޕިކްސް ފެށުމުގެ އިވެންޓުގައި ބައިވެރިވުމަށްފަހު ނައިބު ރައީސް ދަތުރު ނިންމަވާލައްވައިފި
ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މުބާރާތް ފެށުމުގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ނައިބު ރައީސް ހިތްވަރު ދެއްވާފައިވާ ކަމަށެވެ.
އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓޭބަލް ޓެނިސް، އަންހެން ސިންގަލްސް ޕްރިލިމިނަރީ ބުރުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް ހިތްވަރު ދެއްވުމުގެ ގޮތުން އެ މެޗު ބައްލަވާލެއްވުމަށް ބައިވެރިވެވަޑައިގެންފަ އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅަކީ ފްރާސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.