އިންޑިއާ އާއި ރާއްޖޭގެ ވަޒީރުން ފަތުރުވެރިކަމުގެ ދާއިރާގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފި
ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލްއާއި އިންޑިއާގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ގަޖެންދުރަ ސިންގް ބައްދަލުކުރައްވައިފި އެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ފައިސަލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެވެ. ފައިސަލް އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ “ވެލްކަމް އިންޑިއާ” ގެ ނަމުގައި އެގައުމުގައި މިއަދު ފެށި ރޯޑް ރޭސްގައި ބައިވެރިވެވަޑައިގަންނަވާށެވެ.
އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކޮށްފަ އެވެ.
“މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން”
ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
“ވެލްކަމް އިންޑިއާ” އަކީ އެމްއެމްޕީއާރުސީ އާއި ގެސްޓުހައުސް އެސޯސިއޭޝަން އަދި މަޓާޓޯ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް އިންޑިއާގެ ބޮޑު ތިން ސިޓީއެއްގައި ކުރިއަށް ގެންދާނެ އެވެ.
މިއަދު މި ހަރަކާތް ކުރިއަށް ގެންދާނީ ވެރިރަށް ނިއު ދިއްލީގަ އެވެ. އަންނަ ބުރާސްފަތި ދުވަހު މުމްބާއީގައި އަދި ހޮނިހިރު ދުވަހު ބެންގަލޫރުގައި ހަރަކާތް ކުރިއަށް ގެންދާނެ އެވެ.
އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި މިވަނީ ނިމިދިޔަ އަހަރު ރާއްޖޭގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާ ބޮޑުވަޒީރާއި ދެކޮޅަށް ކުރި ޓުވީޓުތަކެއްގެ މައްސަލަ ހޫނުވެ ރާއްޖެ ބޮއިކޮޓް ކުރަން ބޮޑު ސޯޝަލް މީޑިއާ ކެމްޕެއިނެއް އިންޑިއާގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އައި އިންޑިއާ ފަތުރުވެރިން ބޮޑުތަނުން ދަށަށް ދިޔަ އެވެ.