މިނިވަން ދުވަހުގެ ޕެރޭޑު ގެންދަން ހުކުރު ދުވަހު ހަވީރު އުޅަނދު ދުއްވުން މަނާކޮށްފި

މިނިވަން ދުވަހުގެ ޕެރޭޑު މިދިޔަ ހުކުރު ދުވަހު ކުރިއަށް ނުގެންދިއުމުން އަންނަ ހުކުރު އެ ޕެރޭޑު ގެންދިއުމަށް، އެ ދުވަހުގެ ހަވީރު ވަގުތު މާލޭގައި އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
އެ ކަން މަނާކޮށްފައިވާ ކަން ހާމަކުރީ މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގަ އެވެ. އެ ގޮތަށް ނިންމީ ގައުމީ ކެޑޭޓު ކޯއާއި އެމްއެންޑީއެފް ވެސް އެއް ވަގުތެއްގައި މާލޭގެ އެކި ކަންކޮޅުތަކުގައި ޕެރޭޑުގެ ހިނގާލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެވެ.
"މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، 02 އޮގަސްޓް 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ." ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ.
ޕެރޭޑު ފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ވަގުތު އެއްގަމު އުޅަނދު ދުއްވުން މީގެ ކުރިން ވެސް މަނާކޮށްފައި އެބަ ހުއްޓެވެ.