ހައިދަރުގެ ވާހަކަ ދޮގުކޮށް 100 ފްލެޓް ދޭން އެއްބަސްވި ކަމަށް ކަސްޓަމްސްއިން ބުނެފި
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ހާއްސަކުރަން ނިންމާފައި ނެތް ކަމަށް ވިދާޅުވެ ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ދެއްކެވި ވާހަކަތައް ކަސްޓަމްސްއިން ދޮގުކޮށްފި އެވެ.
ހައިދަރު އެ ގޮތަށް ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އިއްޔެ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބަލަނީ ކުރީގެ ސަރުކާރުން 2022 ވަަނަ އަހަރު އެކުލަވާލި ލިސްޓަށެވެ. އެ ލިސްޓުގައި ކަސްޓަމްސްގެ 100 މުވައްޒަފުން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ ސޮއިކުރައްވައި މިއަދު އެ އިދާރާގެ މުވައްޒަފުންނަށް ނެރުއްވި އިންޓާނަލް މެމޯއެއްގައި ވިދާޅުވީ މިދިޔަ ވެރިކަމުން ފެށިގެން މިހާރު ހިނގަމުންދާ ސަރުކާރުގައި ވެސް އޭގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އޭގެ ފަހުން ކަން ހިނގާފައިވާ ގޮތް ތާރީހުތަކާ އެކު އޭގައިވެ އެވެ.
މި ގޮތުން އެންމެ ފުރަތަމަ ސަރުކާރުން އެ ކަން އެންގީ ސެޕްޓެމްބަރު 19 ގަ އެވެ. އެއީ ތިން ކޮޓަރީގެ 85 ފްލެޓާއި ދެ ކޮޓަރީގެ 15 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށެވެ. ރައީސް އޮފީހުގެ ސިޓީއަށް ފަހު، ހައުސިން މިނިސްޓްރީގެ ސިޓީއެއް އޮކްޓޯބަރު 25 ގައި ފޮނުވި އެވެ.
ކަސްޓަމްސްގައި އެކުލަވާފައިވާ އުސޫލުގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުން ކަނޑައަޅައި ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ޔުނިޓް ނަންބަރުތަކުގެ ތެރެއިން ކޮންމެ ޔުނިޓެއް ލިބެންވީ މުވައްޒަފުގެ ނަމާއެކު ހައުސިން މިނިސްޓްރީއަށް ލިސްޓެއް ފޮނުވީ ނޮވެމްބަރު 16 ގަ އެވެ.
އޭގެ ފަހުން ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަސްޓަމްސްގެ މުވައްޒަފުންނަށް ގުޅަމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ސިޓީއަކުން ހަމަ އެ އަންގާފައިވެ އެވެ.
އެ ކަމުގެ އެއްބަސްވުން ހަދައިދިނުމަށް ކަސްޓަމްސް އިން ވަނީ އެފްޑީސީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އީމެއިލް ކޮށްފަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހެވެ.
މި ވެރިކަމުގައި ހައުސިން މިނިސްޓްރީއާ އެކީ ކަސްޓަމްސްއިން ބައްދަލުވުމެއް ބޭއްވީ މި އަހަރުގެ މާޗު 18 ގަ އެވެ. އެ ބައްދަލުވުމުގައި އެއްބަސްވެވިފައިވަނީ، ކަސްޓަމްސްގެ އެ އިންޓާނަލް މެމޯގައިވާ ގޮތުން، 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ.